އަންނަ އެޕްރީލް މަހު 10ގައި ބާއްވަން ހަމަޖެހިފައި ވާ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރި ވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.
އޮފިޝަލަކަށް ވުމަށް އެދި ހުށަހަޅާ ފޯމު، ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާތަކުން އަދި އީސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމާއި، އައިޑީކާޑުގެ ދެފުށުގެ ކޮޕީ، އެންމެ މަތީ ތައުލީމީ ސެޓްފިކެޓުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ 3 މަސް ނުވާ ފޮޓޯ ގަނޑެއް ހުށަހަޅަން ޖެހެއެވެ. ފޯމާއި، ފޯމާއެކު ހުށަހަޅާތަކެތި ހުށަހަޅާނީ މެއިލް މެދުވެރިކޮށެވެ. ކުރިން އޮފިޝަލުންގެ ގޮތުގައި ހޮވިފައިވާ މީހުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް އީސީން ބުނެއެވެ.
އޮފިޝަލަކަށް ވުމުގެ ޝަރުތުތައް:
- އުމުރުން 18 އަހަރު ފުރިފައި ވުން
- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާ ކުރަމުންދާ މީހަކަށް ނުވުން
- އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭނުގައި އަމަލީގޮތުން ހަރަކާތްތެރިވާ މީހަކަށް ނުވުން
- އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހަޅާ ދާއިރާ ނުވަތަ ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައަށް، ބައްޕައަށް، ދަރިއަށް، އަނބިމީހާއަށް، ފިރިމީހާއަށް އަދި އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން
- އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުން
- މިފަދަ މަސައްކަތަށް ސިއްހީ ގޮތުން ގާބިލް މީހަކަށް ވުން
- ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން މިއެވެ.
ދޭނެ އުޖޫރަ (ހަމައެކަނި ވޯޓުލާ ދުވަހު):
- ވޯޓުލާ މަރުކަޒުގެ ވެރިޔާ - 1800 ރުފިޔާ
- ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ - 1600 ރުފިޔާ
- ވޯޓުލާ މަރުކަޒުގެ އޮފިޝަލް - 1500 ރުފިޔާ
- ވޯޓު ގިނާ އޮފިޝަލް - 1200 ރުފިޔާ
- ރިޒާވް އޮފިޝަލް - 500 ރުފިޔާ
- ކިއު ސުޕަވައިޒާ - 1000 ރުފިޔާ
- އޮފިޝަލް - 1000 ރުފިޔާ މިއެވެ.
އުޖޫރައިގެ އިތުރުން ވޯޓުލާ ދުވަހުގެ ކެއުމާއި ސައި އީސީން ހަމަޖައްސައި ދޭނެއެވެ. އޮފިޝަލުންނަށް ކުރިމަތިލާ ފަރާތަތްކުން މިަކމަށް ހާއްސަ ތަމްރީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. ތަމްރީނު ފުރިހަމަކޮށް، އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރުމުން ޓްރެއިނިން އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ. މި މާޗް މަހު ހިންގާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރި ނުވާ ނަމަ، އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެއެވެ.