މާލެ ސަރަހައްދުގައި ގާއިމްކޮށްފައި ވާ ކާފިއުގެ މުއްދަތު ހަމަވެފައި ވާއިރު، މުއްދަތު އިތުރުކޮށްފައި ނުވާތީ، ކާފިއު އުވާލީތޯ ސުވާލު އުފެދިއްޖެއެވެ.
މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކޮށްފައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށެވެ. އެންމެ ފަހުން އެ މުއްދަތު އިތުރުކޮށްފައި ވަނީ މިދިޔަ މަހު 17 ވަނަ ދުވަހެވެ. އޭރު މުއްދަތު އިތުރު ކުރީ 14 ދުވަހަށެވެ. އެ 14 ދުވަސް މިމަހު 2 ވަނަ ދުވަހަށް ހަމަވީ އިރު ވެސް ކާފިއުގެ މުއްދަތު ދަންމާލާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
ނަމަވެސް މާލެ ސަރަހައްދުގައި ހަވީރު 6 އަކުން ފަތިހު 6 އަކަށް ވެހިކަލް ދުއްވުން މަނާކޮށް އަޅާފައިވާ ފިޔަވަޅުތަކަކީ ވަކިގޮތެއް އަންގަންދެން އަޅާފައި ވާ ފިޔަވަޅުތަކެއް ކަމުން، އެ ފިޔަވަޅުތައް އަދިވެސް ދެމި ހުންނާނެއެވެ.
މީގެ އިތުރުން މުޅި ރާއްޖެއަށް އިއުލާން ކޮށްފައި ވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ވެސް ވަނީ ހަމަވާން ކައިރި ވެފައެވެ. އެގޮތުން، އެންމެފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފައި ވަނީ ފެބްރުއަރީ 3 ވަނަ ދުވަހެވެ. އޭރު ދިގު ދަންމާލީ މާޗް 5 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ މާދަމެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅާފައި ވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ މާލޭ ސަރަހައްދުގައި ހަލުވި ކަމާއެކު ބަލި ފެތުރެމުން ދާތީއެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ކޭސްތައް އުޅެނީ 100 އިން މަތީގައެވެ. ކަމާ ބެހޭ ފަރާތްތައް ވިދާޅުވަމުން ގެންދަނީ ރާއްޖެ މިއޮތީ ލޮކްޑައުން ކުރާ ހާލަތުގައި ކަމަށެވެ. އެގޮތުން، ކޭސް ނަންބަރުތައް ދަށް ނުވާ ނަމަ ލޮކްޑައުން ކުރާނެ ކަމުގެ އިންޒާރު ވެސް ސިއްހީ މާހިރުން ވަނީ ދީފަައެވެ.