ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ސިޔާސީ ބައެއް ބޭފުޅުން ބައިވެރިވާ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އަކީ 2023 ގެ ކެމްޕޭނު ހަރަކާތެއް ނޫން ކަމަށް އުމަރު ވިދާޅުވެއްޖެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ޑީއެންއޭ އިފްތިތާހު ކުރުމަށް މިރޭ ބެއްވި ފޯރަމްގައެވެ. މިރޭ ބެއްވި ހަފްލާގައި ބައިވެރިވީ 7 ބޭފުޅެކެވެ. އެއީ އުމަރު ނަސީރާއި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ބްރޮޑްކާސްޓިން ކޮމިޝަނުގެ ކުރީގެ މެންބަރު އަބްދުﷲ ޝުޖާއެވެ. ދެން ބައިވެރިވީ އަމިއްލައަށް ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރާ އަހުސަން ފަރީދާއި، އެކިއެކި ޕްލެޓްފޯމްތަކުގައި ސިޔާސީ ހަރަކާތްތަކުން ފެންނަ އިހުސާން ނަސީރާއި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރި މުހައްމަދު ރަފީއުއެވެ.

މިރޭގެ ހަފްލާފައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ޕާޓީތައް ދޫކޮށް ނިކުމެގެން ދިޔަ ގިނަ މީހުން ތިބީ ސިޔާސީ ޕާޓީތަކާމެދު ނުރުހިފައި ކަމަށެވެ.

އަދި އެ މީހުން ޕާޓީތަކުގެ މަތިން ފޫހިވެ، ސިޔާސީ ލީޑަރުންނަކީ ވައުދު ނުފުއްދާ ބައެއް ކަމަށާއި އެއީ ރިޝްވަތާއި ރޭޕް ކުރާ މީހުންނަށް ހިމާޔަތްދޭ ބައެއް ކަމަށް ދިވެހިންނަށް ހީވާން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

2 ޕާޓީއާ ވެރިކަން ހަވާލުވި، ނަމަވެސް ދެ ޕާޓީއިންވެސް ދިވެހިން ބޭނުންވާ ކަހަލަ ވެރިކަމެއް ކުރާތަން ނުުފެނޭ، ސިޔާސީ ލީޑަރުންނަކީ ވައުދު ނުފުއްދާ ބައެއް ކަމަށާއި އެއީ ރިޝްވަތާއި ރޭޕް ކުރާ މީހުންނަށް ހިމާޔަތްދޭ ބައެއް ކަމަށް ދިވެހިންނަށް ހީވާން ފަށާފަ، ސިޔާސީ ކަންކަމަކީ ހެޔޮލަފާ މީހުން ފަސްޖެހޭ ކަމަކަށް ވެއްޖެ، ސިޔާސީ ހަރަކާތްތަކަކީ ވައްކަން ކުރާ މީހުންނަށް ހާއްސަ ކަމަކަށް ވެއްޖެ
އުމަރު

މީގެ އިތުރުން އޭނާ ވިދާޅުވީ ޑީއެންއޭ އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރު ފެށި ހަރަކާތެއް ނޫން ކަމަށެވެ. އަދި އެ ހަރަކާތް އުފައްދަވާފައި ވަނީ ކުރީގެ ސަރުކާރު ތެކެކޭ އެއްގޮތަށް މި ސަރުކާރުގެވެސް މިސްރާބު ގޯސްވުމުން ކަމަށާ އެ ހަރަކާތުން މަސައްކަތް ކުރާ ރާއްޖެ އަކީ އަމިއްލަވަންތަ ދައުލަތެއްކަން ކަށަވަރު ކުރުމަށް ކަމަށެވެ. އުމަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ސިޔަސީ ޕާޓީތައް އުފެދުނުތާ 16 އަހަރު ވެގެން ދިޔައިރުވެސް އެއްވެސް ކަމެއް ހައްލުވެފައި ނުވާ ކަމަށާއި މިރޭ ފެށި އެ ހަރަކާތަކީ ސިޔާސީ ގޮތުން ކުރި ހޯދާ ގައުމުގައި ހުރި ގޯސް ކަންކަން ރަނގަޅު ކުރުމަށް ފެށި މަސައްކަތެއް ކަމަށެވެ.

އެކިއެކި ވެރިން ރާއްޖެ އައިސް ގޮސްފި، އެކި އެކު ކުލައިގެ ޕާޓީތައް ރާއްޖެ އައިސްފި، ބިދޭސީ ސިފައިން ރާއްޖޭގެ އެކި އެކި ސަރަހައަދުތަކުގަ ފައިބައިފި، 20 އަހަރު އެއްވެސް ކަމެއް ހައްލު ނުވެ ހިނގައްޖެ،
އުމަރު

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ ރާއްޖެއަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް މިހާތަނަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށާއި މިހާލަތުން އަރައިގަތުމަށް ބޭނުންވަނީ ގާބިލް ޖީލެއް ބިނާކުރުން ކަމަށެވެ. އަދި 1965 ވަނަ އަހަރު ރާއްޖެ ހޯދި މިނިވަންކަން ގެއްލިފައިވާ ކަމަށާއި އެކަމަށްޓަކައި ލަދަލުވެތިވާން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތައް ބަލާއިރު އަޅުގަނޑުމެން ލަދު ގަންގަން ޖެހޭ، އަމިއްލަ މިނިވަން ގައުމެއްގެ ގޮތުގައި އޮތް، ފަހުރުވެރި ތާރީހެއް އޮތް ދިވެހި ރާއްޖެ މިއަދު ވަނީ އަޅުވެތިވެފަ، 1965ވަނަ އަހަރު ރާއްޖެ ހޯދި މިނިވަންކަން މިހާރު މި ގައުމަކުނެތް
ދުންޔާ

އުމަރު އިސްވެ ހުންނަވައިގެން އާ ސިޔާސީ ހަރަކާތެއް ފެއްޓެވި އިރު، އެ ހަރަކާތުގެ ބައިވެރިން ކަމަށް އަޑުފެތުރިފައި ވާ ކުރީގެ ވަޒީރު ޑރ. އިބްރާހިމް ދީދީ އާއި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ނުފެނެއެވެ.