ކޮވިޑް-19އާ ގުޅިގެން އައްޑޫގެ ފަތުރިވެރި ކަމަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާ ބައްދަލުކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭޑީސީގެ މެންބަރަކު ވިދާޅުވީ އައްޑޫގެ ފަތުރުވެރި ކަމަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ވަރަށް ޝަކުވާތަކާއި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކުރެއްވި ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ބަންދުކޮށްފައި އޮތް އައްޑޫގެ ދެ ރިސޯޓު، ކެނަރީފް (ހެރަތެރަ) އާއި ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ވަރަށް އަވަހަށް ހުޅުވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި އައްޑޫގެ ޓޫރިޒަމް ފުޅާކުރުމަށް ކުރަން ހުރި މަސައްކަތްކާއި ލޯކަލް ޓޫރިޒަމް ތަރައްގީކުރަން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
އަދި މުޅި ދެކުނުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަން ހުރި ގިނަ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނު ކަމަށެވެ.
އޭޑީސީން މިނިސްޓަރާ ބައްދަލު ކުރައްވާފައި ވާއިރު، ޓޫރިޒަމް ތަރައްގީކުރަން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން 8،000 އެނދު ތަރައްގީކުރާނެ ވާހަކަ ސަރުކާރުން ކުރިން ބުނެފައިވެއެވެ. އަދި ޓޫރިޒަމަށް މިހާރު އައްޑޫން ޒޯންތަކެއް ކަނޑައަޅައި 96 ބިމެއް ހަމަޖައްސައި ގިނަ ބިންތަކުގެ ލޭންޑްސްކޭޕިން މަސައްކަތް ފަށާފައިވެއެވެ.