ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ މަތިން ހިންގާ "ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ އެއާފޯސްގެ މެޑިކަލް ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމީހުން އައިސްފައި ވަނީ މިއަދު ހަވީރު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ނަރުހުންނާއި، 7 މެޑިކަލް އެސިސްޓެންޓުންގެ އިތުރުން އެނެސްތިޒިއޮލޮޖިސްޓެކެވެ.

އެ ޓީމިގައި ހިމަނޭ ފަރާތްތަކުން މަސައްކަތް ކުރާނީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރި ވުމުގެ އިތުރުން ގދ ތިނަދޫ، ލ ގަން، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ހިންގަމުން ދާ ވެކްސިން ޕްރޮގްރާމް ތަކުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ ޓީމް 2 މަސް ދުވަހު ރާއްޖޭގައި ތިބޭނެއެވެ.

ކޮވިޑް ވެކްސިން ޖަހައިދޭން ބަންގްލަދޭޝުން ރާއްޖެއަށް ގެނައި މެޑިކަލް ޓީމު / ފޮޓޯ: ފޮރިން މިނިސްޓްރީ

"ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނުގެ ދަށުން ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭހެން އެންމެންނަށް، ހަމަހަމަ ފުރުސަތުތަކެއްގެ ދަށުން ވެކްސިން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

އަދި، މީގެ ކުރިން ރައީސް ވިދާޅުވެފައިވާ ފަދައިން، މި ކަމުގައި ގަވައިދާ އެއްގޮތަށް އުޅޭ އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެއެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑުތަނުން ވަނީ ހަރުދަނާ ކޮށްފައެވެ. ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޭކޭ މޮމެންގެ ދައުވަތަކަށް މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ފެބްރުއަރީ މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ރަސްމީ ދަތުރެއްވެސް ކުރައްވާފައި ވެއެވެ.

ކޮވިޑް ވެކްސިން ޖަހައިދޭން ބަންގްލަދޭޝުން ރާއްޖެއަށް ގެނައި މެޑިކަލް ޓީމު / ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮވިޑް-19 އާއި ގުޅިގެން ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެކި ގޮތްގޮތުން ލިބެމުންދާ އެހީތެރިކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާއި، ހާރިޖީ ވަޒީރުން ޑރ. އޭކޭ މޮމެންގެ އިތުރުން ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނާއި އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ހާއްސަ ޝުކުރެއް ވަނީ އަދާކޮށްފައެވެ.

ބަންގްލަދޭޝްގެ މެޑިކަލް ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި، މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތު ޑރ. ޝާހު މާހިރުގެ އިތުރުން ބަންގްލަދޭޝް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެއާ އެޑްމިރަލް (ރޓ) ނަޒްމުލް ހަސަން އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓް ކާނަލް ހުސައިން ފައިރޫޝް އަދި ލެފްޓިނަންޓް ކާނަލް ހަސަން ބުޝްރީއެވެ.