މިއަހަރުގެ އޭ ލެވެލް އިމްތިހާބު މޭ/ޖޫން ގައި އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އޭއެސް/އޭ ލެވެލް އިމްތިހާނު މޭ/ޖޫން ގައި ބާއްވަން ނިންމާފައި މިވަނީ އެ އިމްތިހާނު މޭ/ޖޫން ގައި ނުބާއްވަން ނިންމިތާ އެއް މަސް ދުވަސް ފަހުންނެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަހަރުގެ އޭއެސް/އޭ ލެވެލް އިމްތިހާނު ތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށެވެ. އެހެންކަމުން، ކުދިން އިމްތިހާނަށް ތައްޔާރުވުން މެދުކަނޑާލާފައެއް ނުވެއެވެ.

މިއަހަރުގެ މޭ/ޖޫން އިމްތިހާނު ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެން ގޮސްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން އެޑެކްސެލްއާ މަޝްވަރާތައް ކުރުމަށްފަހުއެވެ.

އޭ ލެވެކް އިމްތިހާނު ބާއްވަން ނިންމާފައި ވާއިރު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ވަނީ އިމްތިހާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރަން ފަށާފައެވެ. އޭލެވެލް އާއި އެޗްއެސްސީ އިމްތިހާނުގެ ނޯމަލް އެންޓްރީ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުމަށް ދީފައިވާ މުއްދަތަކީ މިއަދުން ފެށިގެން މިމަހު 11 ވަނަ ދުވަހުގެ ނިޔަލެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ނޯމަލް އެންޓްރީއަށް ލިބިފައި ވާ ވަގުތު ކުޑަތަންވުމުގެ ގޮތުން ލޭޓް އެންޓްރީ ނޯންނާނެ ކަމަށެވެ. އެހެންކަމުން މާޗް 11ގެ ފަހުން މުއްދަތު އިތުރު ނުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ސަބަބެއް ކަމަށް އެ މިނިސްޓްރީން ބުނީ، މުއްދަތު އިތުރުކޮށް، އެޑެކްސެލްއަށް ބޭނުންވާ މައުލޫމާތު ގަޑިއަށް ނުދެވިއްޖެ ނަމަ އިމްތިހާނު ބާއްވަން އުނދަގޫ ވާނެ ކަމަށެވެ.

އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުމަށް ހަމަޖެހިފަިއ ވަނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ކައުންޓަރުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 1:30 އަށެވެ. ފޯރު ހުށަހަޅާއިރު، އައިޑީކާޑުގެ އަސްލާއި ފޮޓޯ ކޮޕީއެއް ގެންދަން ޖެހެއެވެ. ހަމައެއާއެކު، އެޕްލިކޭޝަން ފީމާއި ފީޝީޓު ޕަބްލިކް އެގްޒަމިނޭޝަން ޑިޕާޓްމަންޓުގެ ކައުންޓަރުގެ އިތުރުން އެ ޑިޕާޓްމަންޓުގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެއެވެ.