ރާއްޖޭގައި ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު 6550 މީހަކު ވެކްސިން ޖަހައިފިއެވެ. މިއާއެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ 123،665 އަށް ވަނީ އަރާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އިއްޔެ ވެކްސިން ޖެހި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ 2105 މީހުން ކަމަށާއި އަތޮޅު ތެރެއިން 4445 މީހަކަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. މިހާތަނަށް މާލެއިން ވެކްސިން ޖަހާފައިވާ މީހުންގެ ޖުމްލަ އަދަދަކީ 79،356 ކަމަށާއި އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 44،309 އެވެ.

މި ދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒާއި، ރައްޔިތުން މަޖިލިސް ކުރާ އިދާރާ، ހުޅުމާލޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. ހަމައެއާއެކު އައިޖީއެމްއެޗާއި އޭޑީކޭ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސް ދަނީ ވެކްސިން ޖަހައި ދެމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ 169 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ވަނީ ނިންމާފައެވެ.

މިހާރު ކޮވިޑް ވެކްސިން ޖަހަން އެޗްޕީއޭއިން ގޮވާލާ އިރު، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދު ދެވަނަ ޑޯޒް ޖަހަން ޖެހޭ ކަމަށާއި އެކަމަށް އެންމެން ސަމާލު ވުމަށް އެޗްޕީއޭއިން ބުނެއެވެ.