ސ. ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ ދަރިވަރަކު ގަސްތުގައި މީހަކު މަރާފައިވާ ކަމަށް ތުހުމަތު ކޮށް އެ ދަރިވަރަށް މެނޭޖްމަންޓުން އީމެއިލެއް ފޮނުވާފައި ވާ ކަމަށް ބުނެ އޭއޭއޭ ދަރިވަރުންގެ ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ގެ ދަރިވަރުންގެ ޔޫނިއަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ދަރިވަރަކަށް އެ ސުކޫލުން ފޮނުވި އީ-މެއިލްއެއްގައި ވަނީ އެ ދަރިވަރަކީ ގަސްތުގައި މީހަކު މަރާފައިވާ ދަރިވަރެއް ކަމަށް ތުހުމަތު ކޮށްފައި ކަމަށެވެ. އަދި އެ އީއެމްއިލް ފޮނުވާފައި ވަނީ ޓްރާސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ކޮޕީކޮށް ކަމަށް ވެސް އެ ބަޔާނުގައި ބުނެއެވެ.
އެ ތުހުމަތަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއް އެކުލެވިގެންވާ ތުހުމަތެއް ނޫން ކަމަށް އޭއޭއޭ ދަރިވަރުންގެ ޔޫނިއަނުން ބުނެއެވެ. އަދި އެ ޔޫނިއަނުން ދަރިވަރުންގެ ހައްގުގައި ކުރަމުންދާ އަންނަ މަސައްކަތުގައި އެ ދަރިވަރު ބައިވެރިވަމުން އަންނާތީ ސަރުކާރުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ ކުރިމަތީ އެ ދަރިވަރުގެ ނަން ކިނލަބުކޮށް އެ ދަރިވަރުގެ ކެރިއަރު ދުއްވާލުމަށް ދިން ޒާތީ ހަމަލާއެއްގެ ގޮތުގައި އެ ޔޫނިއަނުން ސިފަކޮށްފައި ވެއެވެ. ހަމައެއާއެކު އެ އަމަލކީ އޭއޭއޭގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށް ދިން ހަމާލެއް ކަމަށް ގަބޫލު ކުރާ ކަމަށާއި އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ޔޫނިއަނުން ބުނެއެވެ.
މީގެ ކުރިންވެސް ތަކުރާރުކޮށް އޭއޭއޭގެ ދަރިވަރުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ލިބިފައިވާ އިރު އެކަމުގެ ޝަކުވާ ކަމާބެހޭ އިދާރާތަކަށް ހުށައަޅާފައިވާ ކަމަށް އެ ޔޫނިއަނުން ބުނެއެވެ. އަދި އެފަދަ ކަންކަން ކުރިމަތިވަނީ ދަރިވަރުންގެ ހައްގު ހޯދުމަށް ވަކާލާތު ކުރަމުން އަންނަ އައުމަށް ހުރަސް އަޅައި އެ ދަރިވަރުން ނަފްސާނީ ގޮތުން ބަލިކަށި ކުރުމަށް ކަމަށް ވެސް އެފަރާތުން ބުނެއެވެ. ދަރިވަރުންގެ ޔޫނިއަން އިން ވަނީ ދަރިވަރަށް ކުރި ގޯނާގެ މި މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
މީގެ ކުރިން ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައިގައި ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އަދި 86 ދަރިވަރުން ވަނީ ސްކޫލުގެ މައްސަލަތައް ހިއްސާކޮށް ޕެޓިޝަނެއްގައި ސޮއި ކޮށްފައެވެ. ޕެޓިޝަންގައި ސޮއިކުރި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ސްކޫލުން ވަކިކުރަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިކަން ނުކުރުމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ. އޭގެ ފަހުން އެ ސްކޫލުގެ ފަރާތުން ވަނީ އިންޒާރުގެ މެއިލްތަކެއް ވަނީ ކޮށްފައެވެ.
މި މައްސަލަ ހޫނުވެ އެ ސްކޫލްގެ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ގޮތަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާތަކަށް ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މެންބަރުން އެ ސްކޫލްގެ އިސް ވެރިންނާއި ދަރިވަރުންނާ އަދި ކަމާ ގުޅުން ހުރި މުއައްސަސާތަކާ ވަނީ ބައްދަލުކޮށްފައެވެ. އެގޮތުން މި އަހަރު ޖެނުއަރީ މަހު ކުރީކޮޅު މަޖީލީހަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުކޮށް ސުވާލު ކުރުމުން އޭނާ ވިދާޅުވެފައި ވަނީ އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ދަރިވަރުންގެ މެދުގައި ތަފާތު ކުރުން ގެންގުޅެ އެ ކުދިންނަށް ފުރައްސާރަ ކުރާ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.