އިންސާނިއްޔަތާ ހިލާފު ޖިނާއީ ޖަރީމާތައް ހިންގަވާ ކަމުގެ ތުހުމަތުގައި، ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް)އާއި ސައުދީގެ އިސް އޮފިޝަލުންތަކަކާ ދެކޮޅަށް، ރިޕޯޓާޒް ވިތައުޓް ބޯޑާޒް (އާރްއެސްއެފް) އިން ދައުވާ އުފުލައިފިއެވެ.

ނޫސްވެރިންނާއި ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހައްގުގައި ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތު ކުރަމުން އަންނަ އާރްއެސްއެފްއިން އެމްބީއެސްއާއި ސައުދީގެ އިސް އޮފިޝަލުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާގެ ދައުވާ އުފުލާފައިވަނީ ޖަރުމަނުވިލާތުގެ ކޯޓެއްގައެވެ.

ޖަރުމަނުވިލާތުގެ ކޯޓަށް ހުށަހެޅި 500 ސޮފްހާގެ ދައުވާގައި އާރްއެސްއެފްއިން ފާހަގަ ކޮށްފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި، ޝަރުއީ އިމުން ބޭރުން 34 ނޫސްވެރިއަކު ހައްޔަރު ކޮށްގެން ގެންގުޅޭ މައްސަލައިގެ އިތުރުން، ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ، ޖަމާލް ހަޝޯގީ، ސައުދީ ކޮންސިއުލޭޓް ތެރޭގައި އިހާނެތި ގޮތަކަށް މަރާލި މައްސަލަ ފާހަގަ ކުރެވެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާރްއެސްއެފްގެ ސެކްރެޓަރީ ޖެނެރަލް ކްރިސްޓޯފް ޑެލޮއިއާ ވިދާޅުވީ، މި ނޫސްވެރިންނަކީ، ހައްގެއް ނެތި މަރާލުމާއި، ލާއިންސާނީ އަނިޔާއާއި، ޖިންސީ ގޯނާއާއި، މަޖުބޫރުން ނިޒާމުން ގެއްލުވާލުން ފަދަ ވޭންތައް ތަހައްމަލު ކޮށްފައިވާ ނޫސްވެރިން ކަމަށެވެ.

އާރްއެސްއެފްއިން ޖަރުމަނުވިލާތުގެ ކޯޓަކަށް މައްސަލަ ހުށަހެޅީ، ޖަރުމަނުވިލާތުގެ ގާނޫނު ހަމަޖެހިފައި އޮންނަ ގޮތުން، ބައިނަލްއަގުވާމީ ޖިނާއީ މައްސަލަތަކުގައި އެ ގައުމުގެ މަސްލަހަތު ނެތް މައްސަލަތައް ބެލުމުގެ ފުރުސަތު، ޖަރުމަނުވިލާތުގެ ޝަރުއީ ނިޒާމުގައި ހަމަޖެހިފައި އޮތުމުންނެވެ.

އާރްއެސްއެފްއިން ހުށަހެޅި ދައުވާ ބަލައިގަނެ، ޖަރުމަނުވިލާތުގެ ކޯޓުން މައްސަލަ ބަލަން ފެށުން ވެގެންދާނީ، ދުނިޔޭގައިވެސް މިފަދަ ގޮތަކަށް، މި ފަހުގެ ތާރީހުގައި ހިންގާ ޝަރިޔަތަށް ކަމަށް، އާރްއެސްއެފްގެ ޖަރުމަނު ޑައިރެކްޓަރު، ކްރިސްޗަން މީރް ވަނީ ވިދާޅުވެފައެވެ.

އެމްބީއެސްއާ ސައުދީގެ އޮފިޝަލުންނަ ދެކޮޅަށް އާރްއެސްއެފްއިން ދައުވާ ކޮށްފައި މިވަނީ، ހަޝޯގީގެ މަރުގެ މައްސަލާގައި، އެމްބީއެސްއަށް އަމާޒު ކުރާ ތުހުމަތުގެ އަޑުފަށްގަނޑު އަނެއްކާވެސް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.