މި އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ޖާގަ ކަށަވަރު ކުރުމަށްޓަކައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ޖަހާފައިވުމަކީ މުހިންމު ކަމެއް ކަމަށް، ސައުދީ އަރަބިއްޔާއިން އިޝާރާތް ކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވަޒީރު، ޑރ ތައުފީގު އަލް-ރާބިއާ ވިދާޅުވީ، މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ހުއްދަ ދޫކުރުމަކީ، ކޮވިޑް ވެކްސިން ޖަހާފައިވުމަކީ އެންމެ މުހިންމު ޝަރުތު ކަމަށެވެ.

މިއަހަރުގެ ހައްޖު މޫސުމަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އަލް-ރާބިއާ ވިދާޅުވީ، ކޮވިޑް ވެކްސިން ޖަހާފައި ވުމަކީ ލާޒިމު ކަމެއް ކަމަށް ކަނޑައަޅާފައި ވަނީ، ހައްޖާއި އުމްރާގެ ބައިވެރިންނަށް ވެކްސިން ދިނުމާ ގުޅޭ ކަންކަމަށް ހާއްސަކޮށްގެން އެކުލަވާލި ކޮމިޓީއިން ކަމަށެވެ.

ހައްޖުގެ އަޅުކަމަށް އެދޭ ފަރާތްތަކުން ވެކްސިން ޖަހަން މަޖުބޫރު ކަމަށް ސައުދީއިން އިޝާރާތް ކޮށްފައި ވީ ނަމަވެސް، ވެކްސިން ޖަހަންވީ އެމީހަކު ހުރި ގައުމަކުން ތޯ ނުވަތަ ސައުދީއިން ކަނޑައަޅާ ތަނަކުން ތޯ، އަލް-ރާބިއާ، ހާމަ ކުރައްވާފައެއް ނުވެއެވެ.

ކަން މިހެން އޮތް އިރު، މިއަހަރުގެ ހައްޖުގެ އަޅުކަމަކީ ހަމައެކަނި ސައުދީގައި ތިބި މީހުންނަށް ހާއްސަ ހައްޖެއް ކަމެއް ނުވަތަ މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާނެ އަޅުކަމެއް ކަންވެސް ސައުދީއިން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔައީ ސައުދީގައި ތިބި ސައުދީގެ ރައްޔިތުންނާއި، އެހެން ގައުމުތަކުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އެކަންޏެވެ. ހައްޖުގެ އަޅުކަން ފުރިހަމަ ކުރީ ކޮވިޑް-19އާއެކު ދިރިއުޅުމަށް ގެންނަން ޖެހުނު ބަދަލުތަކުގެ ތެރޭގައި ހިމެނޭ، ގައިދުރު ކަމާވެސް އެކުގައެވެ.

ސައުދީއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ގައުމެކެވެ. ބަލިމަޑުކަމުގެ ތެރޭގައި ހައްޖާއި އުމްރާގެ އަޅުކަންވެސް ކުރިއަށް ގެންގޮސްފައި ވާއިރު، މި އިން އެއްވެސް އަޅުކަމަކާ ގުޅިގެން ކޮވިޑް ކްލަސްޓާއެއް ފާހަގަ ކުރެވިފައެއް ނުވެއެވެ.