މި ހަފްތާގައި ބާއްވަން ހަމަޖެހިފައި ވާ ޖަޒީރާ ސައްލާ އެޕިސޯޑްގެ މައުޟޫގެ ގޮތުގައި "މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުން" ހަމަޖައްސައިފިއެވެ.

މިއީ ޖަޒީރާ ސައްލާގެ ދެވަނަ އެޕިސޯޑެވެ. މި އެޕިސޯޑް އޮންނާނީ މާދަމަ މެންދުރު 2:30 ގައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މި ހަފްތާގެ އެޕިސޯޑްގައި، މައުޟޫއާ ގުޅޭ ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނަވާނެ ކަމަށެވެ. އެގޮތުން ތަންފީޒީ އިދާރާތަކުން ފެށިގެން ސިއްހީ މާހިރުން ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައުޟޫއާ ގުޅޭ ސުވާލުތައް ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާ މެންދުރު 2:30ގެ ކުރިންނެވެ. އެގޮތުން ސުވާލު ކުރުމަށް #ޖަޒީރާސައްލާ ޖަހައިގެން ސުވާލުތައް ޓްވީޓް ކުރުމަށް ސަރުކާރުން ވަނީ އެދިފައެވެ.

ޖަޒީރާ ސައްލާގެ ފުރަތަމަ އެޕިސޯޑް ބާއްވާފައި ވަނީ ޖެނުއަރީ 27ގައެވެ. އެ އެޕިސޯޑް ހާއްސަކޮށްފައި ވަނީ ކޮވިޑް-19 އަށެވެ. އެގޮތުން އެ އެޕިސޯޑްގައި މަބްރޫކްގެ އިތުރުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޓްވިޓާގައި ހިއްސާ ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން، ބައެއް ފޯނު ކޯލްތަކަށް ވެސް ވަނީ އެޓެންޑުކޮށް، ޖަވާބު ދީފައެވެ.

ޖަޒީރާ ސައްލާއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއެހުމަށް ސަރުކާރުން ބާއްވާ ހާއްސަ ހަރަކާތެކެވެ. އެ ހަރަކާތަކީ ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް އަދި ޝުއޫރުތައް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރާ ފަރާތްތަކާ ހިއްސާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.