މާލެ ސަރަހައްދުން ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހި މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 186 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ އަކު އިއުލާން ކުރި ކޮވިޑް ކޭސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 152 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 23 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 10 މީހަކާއި ލިވަބޯޑުން މީހަކާއި ތަރައްގީ ކުރަމުންދާ ރިސޯޓުތަކުން 6 މީހެކެވެ. އަދި މިއަދު 94 މީހަކު ބަލިން ރަނގަޅުވެފައި ވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓް

  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 19،979
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު: 17،343
  • ކޮވިޑް އެކްޓިވް ކޭސް: 2567
  • ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު: 181
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 62
  • މޮނިޓަރިް ހާލަތުގައި ހުރި ތަންތަން: ހއ. ބާރަށް، ޏ. ފުވައްމުލައް، ސ. ހުޅުދޫ އަދި މީދޫ

ކޮވިޑް ބަލީގައި މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު 2 މީހަކު މަރުވެފައިވާއިރު ޖެނުއަރީ މަހު ވަނީ 4 މީހަކު މަރުވެފައެވެ. އަދި މިދިޔަ މަހު މަރުވި މީހުންގެ އަދަދު މި ވަނީ 10 އަށް އަރާފައެވެ. އެހެންކަމުން މިހާރު ކޮވިޑް ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 62 އެވެ. އެއީ 55 ދިވެހިންނާއި 7 ބިދޭސީންނެވެ.

އެގޮތުން މިހާތަނަށް މި ބަލީގައި މަރުވި 62 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން މި މަހު ރާއްޖެއިން ބޭރުގައި ހުރި ދިވެއްސަކުވެސް ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. އެއީ ދުބާއީއަށް ޗުއްޓި ހޭދަކުރަން ދިޔަ އުމުރުން 38 އަހަރުގެ ދިވެހި ފިިރިހެނެކެވެ.

މި ބަލިން ރައްކާތެރިވުމަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޛޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. މިއަދާ ހަމައަށް އައި އިރު 110،000 އަށް ވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހާފައިވާ އިރު ވެކްސިން ޖެހި މީހުންގެ ތެރެއިން އުމުރުން ދުވަސްވީ ދެމަފިރިން ވަނީ މަރުވެފައެވެ. އެއި އުމުރުން 93 އަހަރުގެ ފިރިހެނަކާއި 81 އަހަރުގެ އަންހެނެކެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައި ވާއިރު މިދިޔަ ފެބްރުއަރީ މަހު ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 3952 އަށް އަރާފައެވެ. ކޮވިޑް ބަލިޖެހިގެން ޖެނުއަރީ މަހު 4 މީހަކު މަރުވެފައި ވާއިރު ފެބްރުއަރީ މަހު ވަނީ 10 މީހަކު މި ބަލީގައި މަރުވެފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް މޮހާރު ރާއްޖޭގައި އަންނަނީ އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން މިހާރު ގްރޭޑް 8 އިން ދަށުގެ ގްރޭޑްތަކުގެ ކުދިން ސްކޫލަށް ހާޒިރުވާން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ އިރު އެ ގްރޭޑްތަކުގެ ކުދިންނަށް އަންނަނީ އޮންލައިނކޮށް ކިޔަވައިދެމުންނެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރަން ސަފު ހަދާއިރު ގައިދުރުކަން ދަމަހައްޓަން ވަނީ އަންގާފައެވެ.

މާލެ ސަރަަހައްދުގައި އަދިވެސް ކާފިއު ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 11 އިން ފެށިގެން ހެނދުނު 6 އަކާ ދެމެދެވެ. އަދި މާލެ މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 6 އިން ހެނދުނު 6 އާ ދެމެދެވެ.