މިދިޔަ ހުކުރަށް ވުރެ އަންނަ ހުކުރު ދުވަހު ބާއްވާ މުޒާހަރާ ވަރުގަދަ ވާނެ ކަމަށާއި އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އިދިކޮޅުގެ "ރަތް އިންގިލާބު" ހަރަކާތް ދެން ނުހުއްޓުވޭނެ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު އިހުތިޖާޖު ކުރުން އޮންނާނެ ކަމަށާއި މިދިޔަ ހުކުރު ދުވަހަށް ވުރެ ދެން ބާއްވާ އިހުތިޖާޖު ވަރުގަދަަ ވާނެ ކަމަށެވެ.

މި ހަރަކާތަކީ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި ކުއްލި ހާލަތުގައި ވެސް ނުހިފެއްޓޭނެ ހައްގުތަކެއް ވާކަން ސަރުކާރުން ވެސް ގަބޫލު ކުރަންޖެހޭ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. މި މުޒާހަރާ ކުރުމުގެ ބޭނުމަކީ ރައްޔިތުންގެ އެތައް ހައްގުތަކެއް ނިގުޅައިގެންފައި ވާތީ ކަމަށް އިދިކޮޅުން ބުނެއެވެ.

މިއަދު ފެންނަން ހުރި ކަންކަމުގެ ތެރެއިން ފްލެޓް ގެއްލި ހާލުގައި އުޅޭ ބަޔަކު ތިބި ކަމަށާއި ކޮވިޑްގެ މި ހާލަތުގައި ވިޔަފާރިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށާއި ޓެކްސީ ޑްރައިވަރުން ވެސް މި ވަގުތު ވަނީ ހާލުގައި ޖެހިފައި ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީފާ ގެއްލިފައިވާ އެތައް ޒުވާނުންތަކެއް އެބަ ތިބި ކަމަށާއި ރިސޯޓް މުވައްޒަފުންތައް ވެސް ތިބީ ހާލުގައި ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ މައްސަލަތައް ހުރުމުން ދިވެހިންގެ ހައްގުގައި ނުކުމެ އިހުތިޖާޖު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސިޓީގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރެކެވެ. އެގޮތުން އެއްވުންތަކާއި މުޒާހަރާތައް އަދި ޖަލްސާތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފައި އޮތް ނަމަވެސް އިދިކޮޅު ކޯލިޝަނުން އަންނަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތައް ބާއްވަމުންނެވެ.

މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާގައި ވަނީ 30 މީހަކު ހައްޔަރަު ކޮށްފައެވެ. އަދި އެ 30 މީޙުން ދޫކޮށްލި އިރު އޭގެ ތެރެއިން 27 މިހަކު ވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފްވުމުން 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.