އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭނީ މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީޙް ޖަމާލުގެ ނޫން ކަމަށާއި ނަގަން ޖެހޭނީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިގެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، މަޖިލީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ތައުލީމީ ގޮތުން އިންޓަނެޓް ބޭނުން ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން ސަރުކާރުން އިންޓަނެޓަށް ސަބްސިޓީ ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ފެންނަމުން ދަނީ ސަރުކާރުން ވީ ވައުދުތައް ނުފުއްދުމުން ސަރުކާރުގައި މިވަގުތު ތިބި ވަޒީރުން ވަކިކުރަމުން ދާ މަންޒަރު ކަމަށެވެ. އަދި ސަރުކާރުން ވީ ވައުދުތައް ނުފުއްދޭތީ ވަޒީފާއަށް ނަގާ މީހުންނާއި ވަޒީފާއިން ވަކިކުރާ މީހުން ގިނަވެފައިވާ ކަމަށެވެ.

"އެމްޑީޕީންވެސް ބުނަމުން އެ ދަނީ ވައުދުތައް ނުފުދުނީމަ ހިދުމަތް ނުދެވުނީމަ ދެން އެ ބަޔަކު ބޭރު ކުރަން ޖެހޭ ކަމަށް، އަޅުގަނޑުމެން ގަބޫލުކުރަން އެބަ ޖެހޭ ސަރުކާރުން ވީ ވައުދު ނުފުއްދުނީމަ މިހާރު މި ހިނގާ ކޯލިޝަން ވަރަށް ރީއްޗަށް ރޫޅެމުންދާ ތަން، ސަރުކާރު ޖަވާބުދާރީ ކުރުމަށް ތި ކުރާ މަސައްކަތުގެ އިހުލާސްތެރި ކަމެއް އޮތިއްޔާ ވޯޓު ނަގަން ޖެހޭނީ މަލީހުގެ އެއް ނޫނަ، ވޯޓު ނަގަން ޖެހޭނީ މިހާރުގެ ރައީސްގެ"
ޝަރީފު

ޝަރީފު އެފަދައިން ވިދާޅުވެފައި ވާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެންބަރުންވެސް ނިންމާފައި ވަނީ މިނިސްޓަރު މަލީހް ވަކިކުރުމަށް ވޯޓު ދިނުމަށް ކަމަށް ހަބަރު ލިބެއެވެ.