އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މިހާތަނަށް ހުރިހާ އިޖުރާއަތްތަކެއް ވެސް ކުރިއަށް ދަނީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން ކަމަށް މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، މަލީހް މަޖިލީހަށް ހާޒިރު ކުރުމުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މަޖިލީހަށް ހާޒިރުވެވަޑައިގަތީ ވަޒީފާ ދިފާއުކުރައްވަން ނޫން ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް، މަކަރާއި ހީލަތުން ވަޒީރެއްގެ ނަން ކިލަނބު ކޮށްލުމަށް މަޖިލީހުގެ މެންބަރުންތަކެއް ހުށަހަޅުއްފައި ވާ މައްސަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން މަލީހް ވިދާޅުވީ 14 މެންބަރުންގެ ސޮޔާއެކު ހުށަހަޅުއްފައިވާ އެ މައްސަލައިގައި މިނިސްޓްރީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އެ މައްސަލަ ރައްދުވަނީ އޭނާއަށް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"އެ މައްސަލައާ ގުޅިގެން މިހާތަނަށް ހުރިހާ އިޖުރާއަތެއް ގޮސްފައި ވަނީ ދޮގާއި މަކަރާއި ހީލަތުންކަން ފާހަގަކުރަން"
މަލީހު

މީގެ އިތުރުން އޭނާ ވިދާޅުވީ ހަކުރާގޭ ފެންޑާގައި އެކޮޅު ކޮޅުން އެލުވިކަމުގައިވިޔަސް ގާނޫނު އަސާސީގައި ވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިއްޕަވާނެ ކަމަށެވެ.

މިއަދު މަލީހު މަޖިލީހަށް ހާޒިރުކޮށްފައި ވާއިރު، އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ސުޕާމެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގުރުޕޫގެ ލީޑަރު، އަލީ އާޒިމެވެ. 14 މެންބަރުންގެ ސޮޔާއެކު ހުށަހެޅުއްވި އެ މައްސަލައިގައި، އެޕާޓީން މިއަދު ވަނީ، މަލީހު ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ނިންމާފައެވެ.