ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވާފައި ބޭއްވިޔަސް މާއްދާ 27ގެ ބޭނުން ހިފާނެ ކަމަށް މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށް، މަލީހް މަޖިލީހަށް ހާޒިރު ކުރުމުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި ވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މަޖިލީހުން ހުރަސްއަޅާ މަންޒަރު މިއަދު ފެނިވަޑައިގަންނަވާ ކަމަށެވެ.

އޭނާ މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގަތީ، ވަޒީފާ ދިފާއު ކުރައްވަން ނޫން ކަމަށާއި ވަޑައިގަތީ މާއްދާ 27 ގެ ދިފާއުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް ހުރިހާ އިޖުރާއަތްތަކެއް ވެސް ކުރިއަށް ދަނީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ތަކުރާރުކޮށް މި ދަންނަވަނީ ހަކުރާގޭ ފެންޑާގައި އެލުވިކަމުގައި ވިޔަސް މާއްދާ 27 ގެ ބޭނުން އަޅުގަނޑު ހިފާނަން"
މަލީހު

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ސުޕާމެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގުރުޕޫގެ ލީޑަރު، އަލީ އާޒިމެވެ. 14 މެންބަރުންގެ ސޮޔާއެކު ހުށަހެޅުއްވި އެ މައްސަލައިގައި، އެ ޕާޓީން މިއަދު ވަނީ، މަލީހު ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ނިންމާފައެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެންބަރުންނެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 65 އެވެ. އެހެން ކަމުން އެމްޑީޕީއަށް ވަޒީރަކު މަގާމުން ވަކި ކުރުމަކީ ފަސޭހަ ކަމެކެވެ.