މީގެ މަހެއްހާ ދުވަސް ކުރިން މިޔަންމާގައި ކުރި ބަޣާވާތާ ދެކޮޅަށް އެ ގައުމުގައި ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރަމުން އަންނަ އާންމުންނާ ދެކޮޅަށް، އެ ގައުމުގެ ސަލާމަތީ ފައުޖުތަކުން ބާރުގެ ބޭނުންކޮށް، 18 މީހަކު މަރާލުމުން، ދުނިޔޭގެ ލީޑަރުން އެކަން ކުށްވެރި ކުރައްވައިފިއެވެ.
މިޔަންމާގައި މުޒާހަރާ ކުރަމުން ދަނީ ހުސްވި ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު، އެ ގައުމުގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް، ޑިމޮކްރަޓިކް ސަރުކާރުގެ އޮފިޝަލުން ހައްޔަރުކޮށް، 1 އަހަރު ދުވަހުގެ މުއްދަތަށް، ގައުމީ ކުށްލި ނުރައްކާ އިއުލާން ކުރުމާ ގުޅިގެން އެ ކަމާ ދެކޮޅަށެވެ. އަސްކަރިއްޔާއިން ބަޣާވާތް ކުރީ، މިދިޔަ ނޮވެންބަރު މަހު މިޔަންމާގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހިގެންނެވެ.
ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ތެރެއިން 18 މީހަކު މަރާލާފައި ވަނީ، ސިލްސިލާ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް މިހާތަނަށް ހިންގި އެންމެ ނުރައްކާތެރި ކުރިމަތިލުންތަކުގައި ކަމަށް އިންސާނީ ހައްގުތަކާ ބެހޭ އދގެ އިދާރާއިން ހަބަރު ދެއެވެ.
އާދީއްތަ ދުވަހުގެ މުޒާހަރާއިން 1000 އެއްހާ މީހުން ހައްޔަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
އދގެ ތަރުޖަމާނު ސްޓެފާން ޑުޖަރިޗް ވިދާޅުވީ، ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރަމުން ދިޔަ ބަޔަކާ ދެކޮޅަށް ގެއްލުން ދެނިވި ހަތިޔާރުގެ ބޭނުން ކުރުމާ، ޝަރުއީ އިމުން ބޭރުން މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި އިންތިހާބުގެ ތެރެއިން މިޔަންމާގެ ރައްޔިތުން ނިންމި ގޮތް ގަބޫލު ކުރުމަށް އަސްކަރިއްޔާއަށް ލާޒިމު ވާ ކަން، މިޔަންމާގެ އަސްކަރިއްޔާއަށް އަންގައިދިނުމަށް، ބައިނަލްއަގުވާމީ މުޖުތަމައު އެކަތިގަނޑަކަށް ވުމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވާ ކަމަށްވެސް ޑުޖަރިޗް ވިދާޅުވިއެވެ.
މިޔަންމާގައި މިހާރު ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން، ރައްދުގައި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު، ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ޑިޕްލޮމެޓިކް ޗީފް، ޖޯސެފް ބޮރޭލްވެސް ވަނީ ދެއްވާފައެވެ. ބޮރެލް ވިދާޅުވީ، ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަމުންދާ ދިއުމަށް ނިމުން ގެންނަން ޖެހޭ ކަމަށެވެ. އަދި ހިޔާލު ފާޅު ކުރުމަށް ލިބިދީފައި އޮތް ހައްގު ތަންފީޒު ކުރުމަށް ފުރުސަތު ދޭންޖެހޭ ކަމަށްވެސް ބޮރެލް އާންމު ކުރެއްވި ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި ތުރުކީވިލާތް ފަދަ ގައުމުތަކުންވެސް ވަނީ މިޔަންމާގައި ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށްފައެވެ.