ބޮޑު ބޭސްފަރުވާއެއް ކުރުމަށް އަތުގައި ލާރި ނެތިގެން އެހީއަށް އެދި ޖަހާ ޕޯސްޓުތަކުން މިއަދު ސޯޝަލް މީޑިއާ ވަނީ ފުރާލާފައެވެ. ކިޑްނީ ޓްރާންސްޕްލާންޓަކަށް، ހިތުގެ ބައްޔަކަށް، ކެންސަރު ބައްޔަށް، އެކްސިޑެންޓެއް ވެގެން، މިހެން މިހެން ގޮސް ކިތަންމެ ދިގުކޮށް ވެސް ލިސްޓު ކިޔާލެވި ދާނެއެވެ. އާންމު ބަހުރުވައިން ބުނާނަމަ ހައްތަހާ ވެސް "ބޭސް ފަރުވާއަށް ސަލާން ޖަހުމުގެ" ޕޯސްޓުތަކެވެ.
ބޭސްފަރުވާއެއް ކުރަން އެހީއަށް އެދި ޖަހާ މި ޕޯސްޓުތަކައިގެން އުޅެނީ 3 ވައްތަރެއްގެ މީހުންނެވެ. އެއް ބަޔަކީ އެހީ ވާ މީހުންނެވެ. އަނެއް ބަޔަކީ އެހީ ވެވޭނެ ގާބިލު ކަން ނެތުމުން، އެ ޕޯސްޓު އެހެން ބަޔަކާ ހަމައަށް ފޯރުކޮށްދޭ މީހުންނެވެ. ދެން ތިބި ބަޔަކީ ސަރުކާރުގެ އިހުމާލު ހޯދާ، އެހީ އަށް އެދި ކުރި ޕޯސްޓު ސިޔާސީ ކުރަން އުޅޭ މީހުންނެވެ. މިފަދަ މީހުން ދައްކާ ވާހަކަ ގިނަ ފަހަރަށް ވައިގައި ހިފާ، ގިނަ ބައެއްގެ ސަމާލު ކަން ހޯދައެވެ. ބޭސްފަރުވާ ކުރަން އެހީ ހޯދުމަށް މީހުން ޕޯސްޓުތައް ޖަހަން ޖެހެނީ ސަރުކާރުން އެހީ ނުވާތީ ކަމަށް ބުނެ އެއްބަޔަކު ވާހަކަ ދައްކާ އިރު، މިކަމުގެ އަނެއް ފަރާތަށް ވެސް ނަޒަރެއް ހިންގާލަމާތޯއެވެ.
ރާއްޖޭގެ ސަރުކާރު ހޮސްޕިޓަލް ތަކުން ހޯދާ ގިނަ ހިދުމަތްތަކަކީ އެ ހިދުމަތްތަކަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ހިދުމަތްތަކެވެ. ބޭސް ސިޓީއަށް ބޭސް ނަގާނެ ލާރި ނުލިބިގެން ހުންނާކަށް ނުޖެހެއެވެ. ބައެއް ފަހަރު ބޭސްފިހާރަތަކުގައި އާސަންދަ ކަވަރު ކުރާ ބޭސްތައް ނުހުންނަ ފާހަގަ ކުރަމުން އާސަންދަ ކަވަރު ކުރާ ބޭސްތައް ހުރިއްޔާ ހިލޭ ލިބޭކަންވެސް ފާހަގަ ކުރަމެވެ. ރާއްޖެއިން ނުލިބޭ ހިދުމަތެއް ހޯދަން ރާއްޖެއިން ބޭރަށް ދާން ޖެހިއްޖެ ނަމަ އެހީވާނެ ތަންތަން މުޅި ސަރުކާރުގައި އެބަ ހުއްޓެވެ. އާސަންދަ، އެންސްޕާ، ޒަކާތު ފަންޑު އަދި ވަކި ވަކި ބައެއް މުއައްސަސާތައް ހިމެނެއެވެ. ކުރަން ޖެހޭ ކަމަކީ އެހީއަށް އެދުމެވެ.
އާސަންދަ
އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ ރާއްޖޭގައި ހުންނަ ހެލްތް އިންޝުއަރެންސް އެޖެންސީއެކެވެ. ރަށުގެ ސިއްހީ މަރުކަޒުން ފެށިގެން ބޭރު ގައުމުތަކުން ހޯދަން ޖެހޭ ބޭސް ފަރުވާއަށް ދާންދެން އާސަންދައިން އެހީވެދެއެވެ. ރާއްޖެއިން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ޖެހިއްޖެ ނަމަ ބަލި މީހާއާއި އެހީތެރިޔާގެ ޓިކެޓުގެ އިތުރުން ބަލި މީހާގެ ބޭސްފަރުވާގެ ކަންކަން އާސަންދައިން ކޮށްދެއެވެ.
ނިމިދިޔަ 2020 ވަނަ އަހަރު އެކަނި ވެސް 9500 އެއްހާ މީހުންނަށް އާސަންދައިގެ ދަށުން ފަރުވާއަށް އެހީ ދިނެވެ. އޭގެ ތެރެއިން 5000 އެއްހާ މީހުންނަކީ ރާއްޖެއިން އިންޑިއާއަށް ނުވަތަ ލަންކާއަށް ބޭސްފަރުވާ ހޯދުމަށް ދިޔަ މީހުންނެވެ. ދެން ތިބީ ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް ދިން އެހީތެރިކަމެވެ. ކޮވިޑް-19އާ ހެދި ރާއްޖޭގެ ވެސް ބޯޑަރު ބަންދުކޮށްފައި ގިނަ ދުވަހު އޮތް އިރު، އަވައްޓެރި އިންޑިއާ އަދި ލަންކާގެ ވެސް ބޯޑަރު ބަންދެވެ. ނަމަވެސް އެއީ އާސަންދައިގެ ދަށުން ދިވެހިންނަށް ބޭސްފަރުވާ ނުކުރެވޭ ސަބަބަކަށް ނުވިއެވެ.
2020ގައި އެކަނިވެސް އާސަންދައިން 1.9 ބިލިއަން ރުފިޔާ ހަރަދު ކުރިއެވެ. އޭގެ ތެރެއިން 48 ޕަސަންޓަކީ ހޮސްޕިޓަލްތަކަށް ހަރަދު ކުރި ފައިސާއެވެ. 37 ޕަސަންޓަކީ ބޭހަށް ހަރަދު ކުރި ފައިސާއެވެ. އަދި 6 ޕަސަންޓަށް ވާ ފައިސާ، ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ފަރުވާތަކަށް ހަރަދު ކުރިއިރު، އެއާލައިންތަކަށް (ޓިކެޓަށް) 2.7 ޕަސަންޓް ހަރަދު ކުރިއެވެ. މީގެ އިތުރުން ކްލިނިކްތަކަށް 3.8 ޕަސަންޓް އަދި އެހެނިގެން ކަންކަމަށް 1.7 ޕަސަންޓް ހަރަދު ކުރިއެވެ.
އާސަންދައިން ބުނާ ގޮތުގައި އެހީއަށް އެދި ސޯޝަލް މީޑިއާގައި ދައުރު ކުރާ ގިނަ ޕޯސްޓު ތަކަކީ، އެހީއަށް އެދޭ މީހަކަށް ނުވަތަ ބަޔަކަށް އާސަންދަ ހަމަނުޖެހިގެން ޖަހާފައި ހުންނަ ޕޯސްޓުތަކެއް ނޫން ކަމަށެވެ. އާސަންދަ ހަމަޖެހުނު ކަމުގައި ވީ ނަމަވެސް، ކިޑްނީ ޓްރާންސްޕްލާންޓް ފަދަ ކަންކަމަށް ބޭރަށް ދާ މީހުންގެ ހުރުމާއި ކެއުން ފަދަ ކަންކަމަށް ބޮޑު ހަރަދެއް ހިނގާތީ، އެފަދަ ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ޖަހާފައި ހުންނަ ޕޯސްޓްތަކެވެ. ކިޑްނީ ޓްރާންސްޕްލާންޓް ފަދަ ބަލިތަކުގައި ބޭރަށް ދާން ޖެހޭ ބަލި މީހުން މަސް ދެމަސް ބޭރުގައި ހޭދަ ކުރަން ޖެހެއެވެ.
އެންސްޕާ
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަކީ ވެސް ރާއްޖެއިން ބޭރުން ކުރަންޖެހޭ ބޭސްފަރުވާ އާއި ރާއްޖޭގައި ނަމަވެސް ބޭސްފަރުވާ ކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށް ދޭ އެޖެންސީއެކެވެ. އެގޮތުން އާސަންދައިގެ ދަށުން އެހީ ހޯދައިގެން ބޭރަށް ދާ މީހުންނަށް ބޭނުންވާ އިތުރު އެހީތެރިކަން އެންސްޕާއިން ފޯރުކޮށްދެއެވެ. އެގޮތުން ބަލިމީހަކާއެކު އެކަކަށް ވުރެ ގިނަ އެހީތެރިން ދާން ޖެހޭ ނަމަ، އެމީހެއްގެ ޓިކެޓާއި ހުރުން އަދި ކެއުމުގެ ހަރަދުތައް ފަދަ ކަންކަން އެންސްޕާއިން ކޮށްދެއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، 2020 ވަނަ އަހަރު ޖުމްލަ 65 މިލިއަން ރުފިޔާ އެ އެޖެންސީން ވެސް ބޭސްފަރުވާއަށް ހަރަދު ކޮށްފައި ވެއެވެ. އެންސްޕާއިން ވެސް އެހީ ދޭނީ ކޮންމެވެސް މިންވަރަކަށެވެ. ކިޑްނީ ޓްރާންސްޕްލާންޓެއް ހަދަން ބޭރަށް ދާ މީހާގެ ހުރުމާއި ކެއުން މުޅި ދެ މަސް ދުވަހަށް ހަމަޖައްސައި ނުދިނަސް އެންސްޕާއިން ވެސް އެ މީހެއްގެ ބަލީގެ ވައްތަރާއި، މާލީ ހާލަތަށް ބެލުމަށް ފަހު ދެވެން ހުރި އެހީއެއް ފޯރުކޮށްދޭ ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބަޔަކު އެންސްޕާއިން އެހީ ހޯދައެވެ.
ސޯޝަލްމީޑިއާގައި އާންމުންގެ އެހީއަށް އެދޭ ބައެއް ފަރާތްތަކުގެ ތެރޭގައި ގުނަވަންތައް ގަންނަން މަސައްކަތް ކުރާ ފަރާތްތައް ވެސް ހިމެނެއެވެ. އަދި އެ ގުނަވަނެއް ގަތުމަށް ބޭނުންވާ ފައިސާ، އެހީގެ ގޮތުގައި ހޯދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރެއެވެ. ނަމަވެސް އާސަންދަ އަދި އެންސްޕާ ފަދަ ބޭސްފަރުވާއަށް ހަރަދު ކުރާ އެޖެންސީތަކުންނެއް ގުނަވަން ގަތުން ފަދަ ގާނޫނާ ހިލާފު ކަންކަމަކަށް ހަރަދެއް ނުކުރެއެވެ.
ރާއްޖޭގައި ބޭސްފަރުވާގެ ކަންކަން "އައިޑީކާޑު ދައްކާލައިގެން" ހަމަޖެހޭ ގޮތަށް އޮތް ނަމަވެސް ސޯޝަލްމީޑިއާތަކާއި މަގުތައް މަތީގައިވެސް ބޭސްފަރުވާއަށް ސަލާން ޖަހާ މީހުން މަދެއް ނޫނެވެ. ބައެއް މީހުން ބޭސް ސިޓީތައް ހިފައިގެން މަގުތަކުގައި ހިނގާ ގޭގެއަށް ވަދެ ހަދާ އިރު، އޭގެ ތެރޭގައި އާސަންދަ އަށް ނުވަތަ އެންސްޕާއަށް އެހީއަށް އެދިފައިވެސް ނުވާ މީހުން ހިމެނެވެ. އާންމުކޮށް މަގުމަތިން ފެންނަ 2 މީހަކާ "ދަ ޕްރެސް" އިން ވާހަކަ ދައްކާލީމާ އެކަން ސާފުވިއެވެ. އެމީހުން ބުނެފައި ވަނީ އެމީހުން އާސަންދައަށް ނުދާނެ ކަމަށާއި ދިޔަޔަސް އެހީ ނުލިބޭނެ ކަމަށެވެ. އެއީ ކީއްވެތޯ އެހުމުން ބުނީ "އެއެއް ނޭނގެ" ކަމަށެވެ.
އާސަންދައާއި އެންސްޕާއިން ބޭސްފަރުވާއަށް ހަރަދު ކުރި މިންވަރު ސާފުވި ނަމަވެސް ޒަކާތު ފަންޑުގެ ތަފާސްހިސާބުތައް ލިބިފައި ނުވާތީ އެފަންޑުން ކުރި ހަރަދު ސާފުވާގޮތް ވަނީ ނުވެފައެވެ.