އަވަށްޓެރި އިންޑީއާ އިން ދިވެހިރާއްޖެއަށް ދޭ އެހީއަކީ ރާއްޖޭގެ ގާނޫނުތަކަށް އަދި ދިވެހިންގެ ބޭނުންތަކަށް ފެތރޭ ގޮތަށް ފޯރުކޮށްދޭ އެހީތެރިކަމެއް ކަމަށް ފޮރިނިް މިނިސްތާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، އޭޝިއާ އިކޮނޮމިކް ޑައިލޮގްގެ "ޕާސްޕެކްޓިވްސް އޮން އިންޑިއާސް އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން" ބައްދަލުވުމުގައި މިއަދު ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކައިގައި ވަނީ ސަރުކާރުން 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވި ފަހުން އިންޑިއާއިން ދިވެހިރާއްޖޭގެ ތަރައްގީއަށް ވެދޭ އެހީތަކަށް އަލިއަޅުވާލައްވާފައެވެ. އިންޑިއާއިން ދޭ އެހީތައް މިނިސްޓަރު ޝާހިދު ސިފަކުރެއްވީ ދިވެހި ގާނޫނުތަކަށް ފެތޭ، ދެފުށް ފެންނަ އަދި ދިވެހިންގެ ބޭނުންތަކަށް ފެތޭ ގޮތަށް ފޯރުކޮށްދޭ އެހީތެރިކަމެއްގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އިންޑިއާގެ "ނެއިބަރހޫޑް ފަސްޓް" އަދި "ސަގަރް (SAGAR)" ސިޔާސަތުތަކަށް އަލިއަޅުވާލައްވަމުން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުލްހަ ދެމެހެއްޓުމުގައި އިންޑިއާގެ މުހިންމު ދައުރު މިނިސްޓަރު ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ. މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި އިންޓަނޭޝަނަލް ސޯލާ އެލަޔަންސް އަދި ކޯލިޝަން ފޯ ޑިޒާސްޓާ ރެޒިލިއެންޓް އިންފްރާސްޓްރަކްޗާ ފަދަ ބައިނަލްއަގުވާމީ ޕްލެޓް ފޯމްތައް މެދުވެރިކޮށް އިންޑިއާ އިން އިސް ރޯލެއް އަދާ ކުރުމަށް ދިވެހިރާއްޖެއިން ބޭނުންވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އިތުރުން ބޫޓާންގެ ހާރިޖީ ވަޒީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިކޮނޮމިކް ރިލޭޝަންސް ސެކްރެޓަރީ ބައިވެރިވެވަޑައިގަތެވެ.

އޭޝިއާ އިކޮނޮމިކް ޑައިލޮގްއަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ޖިއޯ-އިކޮނޮމިކްސް ކޮންފަރެންސްއެކެވެ. އަދި 2021 ގެ އޭޝިއާ އިކޮނޮމިކް ޑައިލޮގް ބާއްވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި ޕޫނޭ އިންޓަނޭޝަނަލް ސެންޓަރާއި ގުޅިގެންނެވެ. މިއީ މިޑައިލޮގް ބާއްވާ ފަސްވަނަ ފަހަރެވެ. އަދި ޕޫނޭ އިންޓަނޭޝަނަލްއިން އިންތިޒާމުކުރާ ދެވަނަ ފަހަރެވެ.

މިބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާރިޖީ ސިޔާސަތާއި އިންޑިއާ ސަރުކާރުން "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ހިންގޭ ސިޔާސީ އަދި އިގްތިސޯދީ ކަންކަމުގެ މައްޗަށް އަލިއަޅުވާލައި މަޝްވަރާ ކުރުމެވެ.