ހުޅުމާލެ ޖަލުން ފިލި ބިދޭސީ މީހާ ހޯދާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް އެމީހާ ގެނެސްފިއެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލާފައިވާ އަސަނަރު ނަމަކަށް ކިޔާ އެ ބަންގްލަދޭޝް މީހާ އާއި ގުޅޭގޮތުން އާންމު ފަރާތަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އެ ބިދޭސީ މީހާ ހޯދާ ރޭ އެ ސާވިސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުމުރުން 32 އަހަރުގެ މިމީހާ ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ފިލާފައިވަނީ މި މަހުގެ 10ވަނަ ދުވަހެވެ.

އެމީހާ އަކީ އިމިގްރޭޝަން ގާނޫނާއި ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައި ހުރި މީހެކެވެ.