ހޮންގްކޮންގްގައި ޑިމޮކްރަސީއަށް ވަކާލާތު ކުރަމުންދާ ގިނަ ބަޔަކާ ދެކޮޅަށް، ގައުމީ ސަލާމަތާ ގުޅޭ ޖިނާއީ ދައުވާ އުފުލައިފިއެވެ.
ޗައިނާއިން ހޮންގްކޮންގްގައި ތަންފީޒު ކުރަމުންދާ ގައުމީ ސަލާމަތުގެ ގާނޫނުގެ ދަށުން 47 މީހެއްގެ މައްޗަށް ދައުވާ އުފުލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޖޫން 2020 ގައި މި ގާނޫނު ތަންފީޒު ކުރަން ފެށި ފަހުން ހޮންގްކޮންގްގައި ހިންގާ އެންމެ ވަރުގަދަ ސަލާމަތީ އޮޕަރޭޝަންގެ ތެރެއިން ކަމަށް ބުނެ، 50 ޑިމޮކްރަޓަކު، ފުލުހަށް ހާޒިރުވުމަށް އެންގި ކަމަށް މައުލޫމާތު ލިބެއެވެ.
ހޮންގްކޮންގްއަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ހަރު އަޑުން ވަކާލާތު ކުރަމުން އަންނަ އެކަކު ކަމަށްވާ، ޖިމީ ޝާމް ވަނީ، ޑިމޮކްރަސީއަކީ ވަރުގަދަ އަޒުމެއްގައި ތިބި ގިނަ ބަޔަކަށް ހާސިލުކުރެވޭނެ އަމާޒެއް ކަމަށް ބުނެފައެވެ. ފުލުހުންގެ އިދާރާގެ ކުރިމަތީގައި ހުރެ، ވާހަކަ ދައްކަމުން ޖިމީ ޝާމް ބުނީ، ވޭންދެނިވި ނިޒާމެއްގެ ތެރެއިންވެސް ހޮންގްކޮންގްގެ ރައްޔިތުންނަކީ، އެ ސިޓީގެ އަލިކަން ކަމަށް މުޅި ދުނިޔެއަށް އަންގައިދެވިދާނެ ކަމަށެވެ.
ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން މިހާތަނަށް 99 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް ހޮންގްކޮންގްގެ ފުލުހުން މައުލޫމާތު ދެއެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ކަފާލާތު ލިބޭނެ ގޮތެއްވެސް ނޯންނާނެ ކަމަށް ހަބަރު ލިބެއެވެ.