ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން، އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތު މާލޭ ސަރަހައްދުގައި ގޯސްވަމުން ދާތީ އިތުރަށް ކަން ކުރަންވީ ގޮތްތަކާ މެދު ކަމާ ގުޅުން ހުރި އިދާރާތަކާ އެކު މަޝްވަރާތައް ކޮށްފައި ކަމަށެވެ.
އެ މަޝްވަރާތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރުމަށް އެޗްޕީއޭގެ ފަރާތުން ލަފާދީފައިވާ ކަމަށާއި އެހެންކަމުން މިނިސްޓްރީން މިހާރު މިސްކިތްތައް ބަންދުކުރުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާތައް ކުރަން ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިސްކިތްތައް ބަންދުކުރަން މަޝްވަރާ ކުރެވެމުން ދާއިރު، ކޮވިޑް އިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހުކުރު ހުތުބާވެސް ކިޔަމުން އަންނަނީ ކުރުކޮށެވެ.
މި ހާލަތުގައި މިސްކިތްތަކަށް ދާ މީހުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި މުސައްލަ ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން ހިމެނެއެވެ. އަދި ނަމާދުކޮށް ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.
މީގެ އިތުރުން މިސްކިތުގައި މާސްކު އެޅުމަށާއި މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބަހައްޓަން އިސްކަން ދޭން ޖެހެއެވެ. ކޮވިޑްގެ މިހާލަތުގައި މާލެ ސަރަހައްދުގައި ހުރި މިސްކިތްތައް ބަންދު ނުކޮށް ކުރިއަށް ގެންދިޔަ ނަމަވެސް އައްޑޫ އަދި ފުވައްމުލަކުގައި ހުރި މިސްކިތްތަކުގައި ޖަމާއަތް ހެދުން ވަނީ މަނާ ކޮށްފައެވެ.
ކްރިސްމަސް، ނިޔުއިޔަރ އަށް ކޮވިޑް ގެ އަދަދުތައް ދައްކޮށްފަ. ރަމަޟާން މަހަށް އަދަދުތައް މަތިކޮށް މިސްކިތް ބަންދުކުރަން އުޅުމަކީ ލާދީނީ އެޖެންޑާއެއް. އެއްގޮތަކަށްވެސް މިސްކިތް ބަންދުކުރެވިގެން ނުވާނެ.