ކޮވިޑް-19ގެ ހާލަތު ގޯސްވެ މާލެ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލަން އެޗްޕީއޭއިން އެޑިއުކޭޝަނަށް އެންގުމުން، ގްރޭޑް 8 އާ ހަމައަށް ކިޔަވައި ދިނުން ހުއްޓާލަން އެޑިއުކޭޝަނުން ނިންމާ އެކަން އިއުލާންކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ދެ ހަފްތާއަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 8 އަށް، ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށެވެ.

އެ ނިންމުން ނިންމާފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާތީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ މަތިން، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސްކޫލުތައް ބަންދު ކުރުމާ ގުޅޭ ގޮތުން އެޑިއުކޭޝަނުން މިރޭ ނެރުނު ބަޔާން

އެޑިއުކޭޝަނުން އެގޮތަށް އިއުލާން ކުރި އިރު، އެޗްޕީއޭއިން އެޑިއުކޭޝަނަށް މިއަދު ފޮނުވި ލިޔުމުގައި އޮތީ، ހުރިހާ ގްރޭޑެއްގެ ފިޒިކަލް (ދަރިވަރުން ގެންގޮސްގެން) ކްލާސްތައް 2 ހަފްތާއަށް ހުއްޓާލުމަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން އެޑިއުކޭޝަނަށް ފޮނުވި ސިޓީއެއްގައި އޮތީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް ސްކޫލުތަކުގެ ހުރިހާ ޕިޒިކަލް ކްލާސްތަކެއް ހުއްޓާލުމަށެވެ.

ސްކޫލުތައް ބަންދު ކުރުމާ ގުޅޭ ގޮތުން އެޗްޕީއޭއިން އެޑިއުކޭޝަނަށް މިއަދު އެންގި އެންގުން

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ސްކޫލުތައް ކުރިން ބަންދު ކުރުމަށް ފަހުން ސްކޫލުތައް ހުޅުވާ، 2020 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާފައި ވަނީ މިމަހު 10 ގައެވެ.

މި ދިޔަ އަހަރު ސްކޫލްތަކުގެ ޓާމު ކިޔެވުން ބަންދު ވި އިރު ރާއްޖެގައި ކޭސްތައް ވަނީ ދަށަށް ގޮސްފައެވެ. މިއަހަރު ފެށުނު އިރު 50 އިން ދަށުގައި ކޭސްތައް ހުރި ނަމަވެސް ސްކޫލަތައް ހުޅުވާލި ފަހުން ކޭސްތައް ވަނީ 100 އިން މައްޗަށް އަރާފައެވެ. އަދި އެކިއެކި ސްކޫލުތަކުގެ މެނޭޖުމަންޓުގެ ބައެއް ބޭފުޅުންނާއި ބައެއް ދަރިވަރުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.

މިހާރު ފެންނަމުންދާ ކޭސްތަކުގެ ތެރެއިން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އިތުރުން ގިނަ ޓީޗަރުންނާއި ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެއެވެ.