ދ. ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުން އައި މީހަކު ކުއްލި ގޮތަކަށް މިއަދު މަރުވި މައްސަލައެއް ބަލަން ފަށައިފިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނީ އެންޑީއޭގެ ބެލުމުގެ ދަށުން ހަނިމާދޫގައި ހިންގާ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ އެ މީހާ މަރުވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އެމީހާ މަރުގެ އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން މިހާރު އެކަންކަން ބަލަމުން ގެންދާ ކަމަށް އެ އެންޑީއޭން ބުނެއެވެ. ނަމަވެސް އެމީހާ މަރުވީ ކޮން ސަބަބަކާހުރެ ކަން ހާމަކޮށްފައެއް ނުވެއެވެ.

މަރުގެ މި މައްސަލަ ދިމާވި އިރު، އެންޑީއޭ ރަނގަޅަށް ހިންގަމުން ނުދާ ކަމަށާއި އެތަނުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ އިތުރުން އެންޑީއޭގެ ރިފޯމް ކުރުމަށް ކެމްޕޭނެއް ވެސް ދަނީ ކުރަމުންނެވެ.

ފަރުވާގެ ނިޒާމު ހަރުދަނާކޮށް އެންޑީއޭ ގެ ކަންކަން އިސްލާހު ކުރަން ގޮވާލާ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ވަނީ އެ އެޖެންސީ ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފައެވެ.

މުޒާހަރާ ކުރި ސަރަހައްދުގައި މަސްތުވާތަކެއްޗާ ގުޅޭ އެކި ޝުއޫރު ފާޅުކޮށްފައި ހުރި ބޯޑުތަކާއި ޕޯސްޓަރުތައް ބަހާފައި ވާއިރު، އޭގައި ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަ ކޮށްފައި ވަނީ ފަރުވާގެ ނިޒާމުގެ ކަންކަން ކުރިއަށް ދާ "ދޯދިޔޯ" ގޮތްތަކެވެ.

މީގެ ނުވަ އަހަރު ކުރިން އުފެއްދި އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ސިޔާސަތުތައް ތަންފީޒު ކުރާ އިދާރާއެވެ.