މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި އަލިފާން ރޯވެ، މީހަކު ފިހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގދ. މަޑަވެލި ބޮއެ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "ކުރިމަގު" ނަމަކަށް ކިޔާ ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 12:33 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އެ ދޯނީގައި ހުރި އުމުރުން 53 އަހަރުގެ ފަޅުވެރިއެއްގެ އަތް ފިހި، ހާލު ދެރަވެގެން އަވަސް ފަރުވާއަށް ކޮސްޓްގާޑުގައި ގދ.ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެވެ.

އޭނާ ތިނަދޫއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 1:16 ހާއިރެވެ.

އަލިފާނުގެ ހަދިސާގައި މީހަކު ފިހިފައި ވާއިރު، އެ ހާދިސާއާ ގުޅިގެން ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ދޯނި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެދޯނީގައި ރޯވެފައިވަނީ ޕެޓްރޯލް ޕަންޕަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައެވެ. އަދި މިހާރު އެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.