ސިޔާސީ މައިދާނުގައި ހިޔާލު ތަފާތުވާ ބޭފުޅުން އެއް މޭޒު ދޮށުން ބައްދަލު ކުރަން ޖެހޭ ކަމަށް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ރާއްޖޭގައި މިހާރު އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ހިންގަމުންދާ މުޒަހަރާތަކުގައި ފުލުހުންނާ ކުރިމަތިލާން ޖެހި އެކަމާ ގުޅިގެން ގިނަ ބަޔަކު ފުލުހުންނަށް ފާޑު ކިޔައި ފުލުހުންނަށް ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޝަރީފް ވިދާޅުވީ، ސިޔާސީ ގޮތުން ސަރުކާރާ ދެކޮޅަށް ނުކުންނަ ކޮންމެ ފަހަރަކު ކުރިމަތިލާން ޖެހެނީ ދިފާއި ބާރުތަކާ ކަމަށެވެ. ރާއްޖޭގައި ޑިމޮކްރަސީ ގެނައުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރި އިރު ކަން ހިނގި ގޮތާއި މިހާރު ސިޔާސީ ހަރަކާތްތައް އޮތް ގޮތާ އަޅާ ބަލާ އިރުވެސް ފެނިވަޑައިގަންނަވަނީ އެއް މަންޒަރެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން މި ނޫން ގޮތެއް ހޯދަން ޖެހިފައިވާ ކަމަށާއި ސިޔާސީ ހިޔާލު ތަފާތުވާ މީހުން "ބޯޑް ރޫމަށް" ވަންނަ ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މިހާރުގެ ސަރުކާރުގެ މައި ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ޖުމްހޫރީ މައިދާނުގައި ކުރެއްވި އިހުތިޖާޖެއްގެ ފޮޓޯއަކާއި އިއްޔެ އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގެ ފޮޓޯއެއް އާންމު ކުރައްވާފައެވެ. އެ ދެ ފޮޓޯއިން ވެސް ފެނިގެން ދަނީ ދިވެހި ސިފައިންނާއި ފުލުހުން އެ ފަރާތްތަކާ ކުރިމަތިލާތަނެވެ.

ރައީސް ނަޝީދު ބައިވެރިވެވަޑައިގެން މީގެ ކުރިން ކުރައްވާފައިވާ ގިނަ މުޒާހަރާތަކުގައި ވެސް ސަލާމަތީ ބާރުތަކުން އެތައް އަނިޔާއެއް ކުރި ކަމުގެ ތުހުމަތު އޮތް އިރު މިހާރު އިދިކޮޅުން ކުރާ މުޒާހަރާގެ ބައިވެރިންނަށް ވެސް ފުލުހުން އަނިޔާ ކުރާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.

މި ފަހުން މާލެ ސަރަހައްދުގައި އިދިކޮޅުން މުޒާހަރާ ކުރަމުން އަންނަ އިރު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި 10 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާ ކޮށްފައެވެ. ކޮވިޑް ބަލިން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ދަނޑީވަޅު މުޒާހަރާ ނުކުރުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ. އެޗްޕީއޭގެ ގަވާއިދާ ހިލާފަށް ހިންގާ މުޒަހާރާތަކުގައި ގައިދުރުކަން ދަމަހައްޓާފައި ނުވާތީ އެކަމާ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިފަދަ ސިޔާސީ ހަރަކާތްތަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ ސުލްހަވެރިކަމާއެކު ހިންގާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށެވެ.