ސުލްހަވެރިކަމާ އެކު ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށާއި އަދި ސަރުކާރުން އެ ފުރުސަތު ދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ އިހުތިޖާޖުތަކާ ގުޅިގެންނެވެ. އިމްރާން ވިދާޅުވީ، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދު ވެސް ފުރުސަތު އޮންނާނެ ކަމަށާއި ރައްޔިތުންނަށް ފަހި ވާނީ އޭރުން ކަމަށެވެ. އަދި އެ މަގަށް އެންމެ ފަހިވާނެހެން ސަރުކާރުން ފުރުސަތު ދޭނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުންދާ މިންވަރަށް ބެލުމަށް ފަހު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މާލެ ސަރަހައްދުގެ މަގުމައްޗާއި އާންމު ތަންތަނުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. މާލޭގައި ބަލީގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި މުޒާހަރާތައް ނުބޭއްވުމަށް ހޯމް މިނިސްޓްރީއާއި ފުލުހުން އިލްތިމާސް ކޮށްފައި ވަނިކޮށް އިދިކޮޅުން ވަނީ ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާ، އިއްޔެ މާލޭގައި ބާއްވާފައެވެ. އަދި ފުލުހުން ވަނީ އެ މުޒާހަރާ ހުއްޓުވާފައެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިއްޔެ ހަވީރު "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ފުލުހުން 30 މީހަކު ހައްޔަރު ކުރިއެވެ. އޭގެތެރެއިން 27 މީހަކު އެޗްޕީއޭގެ ގައިޑުލައިނާ ހިލާފު ވެގެން 1000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެ 27 މީހުންނާއެކު ބާކީ ތިބި 3 މީހުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.
އިދިކޮޅު ކޯލިޝަނުން މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުން އަންނަ އިރު، އެ މުޒާހަރާތަކުގައި ގައިދުރުކަމެއް ނެތި، ސިއްހީ މާހިރުން ދެއްވާފައިވާ އިރުޝާދުތަކާ ހިލާފަށް އަމަލު ކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ފާޅުކޮށްފައެވެ.