ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން އެކަން މިއަދު ހެނދުނު 7:31 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ސައިޓުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 40 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ބެލިބެލުމުން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށާއި މި މައްސަަލަ އަދިވެސް ފުލުހުން ދަނީ ތަހުގީގް ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ އެ ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަން ނުވަތަ ނޫން ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މަރުވި މީހާގެ ހަށިގަނޑު މިހާރު ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.