ރޯހިންޏާ ރެފިއުޖީން ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް އަންޑަމަން ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު ބޯޓު، އިންޑިއާގެ ކޯސްޓްގާޑުން ހޯދައިފިއެވެ.

އިންޑިއާގެ ކޯސްޓްގާޑުންނަށް މި ބޯޓު ފެނުނުއިރު، 81 މީހަކު ދިރި ތިބި ކަމަށާ، 8 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް، އިންޑިއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، އަނޫރާގް ސްރިވާސްތަވާ ވިދާޅުވީ، 1 ރެފިއުޖީއަކު ގެއްލިފައި ވާ ކަމަށެވެ.

އަންޑަމަން ކަނޑުގެ ސަރަހައްދުން ހާލުގައި ޖެހުނު ބޯޓަކީ، ފެބުރުއަރީ 11 ވަނަ ދުވަހު، ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުން ފުރި ބޯޓެކެވެ. ކަނޑުމަތީގައި 4 ވަނައަށް ވީ ދުވަހު ބޯޓުގެ އިންޖީނު ފެއިލްވެ، ބޯޓުން ކާބޯތަކެއްޗާއި ފެން ހުސްވިއެވެ.

ބޯޓުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ދެއްވަމުން ސްރިވާސްތަވާ ވިދާޅުވީ، ގިނަ މީހުންގެ ހާލު ދެރަ ކަމަށާ، ހަށިގަނޑުން ފެން މަދުވުމުގެ މައްސަލަތައް ކުރިމަތިވެފައި ވާ ކަމަށެވެ.

ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން މިދިޔަ ހޯމަ ދުވަހު ބުނީ، އެ ގައުމުގެ އިހުތިސޯސްގެ ތެރޭގައި އޮތް ކޭމްޕުން އެއްވެސް ބޯޓެއް ފުރިކަމުގެ މައުލޫމާތު އެނގިފައި ނުވާ ކަމަށެވެ.

އިންސާނީ ވަގުފާރިވެރިންގެ ދަލުގައި ޖައްސައިގެން ރޯހިންޏާ ރެފިއުޖީންގެ ނާޖާއިޒު ފައިދާ ނެގުމަށް މީގެ ކުރިން އެތައް ބަޔަކު ކުރި ގިނަ މަސައްކަތްތަކަށް ބަންގަލަދޭޝް އިން ވަނީ ހުރަސް އަޅާފައެވެ. މެލޭޝިއާ އަދި އިންޑޮނޭޝިއާއަކީ، ބަންގްލަދޭޝްގައި ހިޔާވަހިކަން ހޯދަމުންދާ ރޯހިންޏާ ރެފިއުޖީންގެ މެދުގައި މަގުބޫލު މަންޒިލްތަކެކެވެ.

ހާލުގައިޖެހިފައި އޮތް ބޯޓު ހޯދާ ދިނުމަށް، ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިންވެސް އޮތީ ގޮވާލާފައެވެ.

އިންޑިއާގެ އޮފިޝަލު ވިދާޅުވީ، ދިރި ތިބި ރެފިއުޖީން، އިންޑިއާގެ ބޯޑަރު ހުރަސް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.