އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ މުޒާހަރާ ފެށުމުގެ ކުރިން މީހުން ހައްޔަރު ކުރަން ފަށައިފިއެވެ.
ޕީޕީއެމުން ބުނީ މިއަދުގެ ސުލްހަވެރި އިހުތިޖާޖު ނުފެށެނީސް ޕާޓީ އޮފީސް ދޮރުމަތިން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އަދި ޕީއެންސީގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް ހައްޔަރު ކޮށްފައި ވާ ކަމަށެވެ. އަދި ޕާޓީ އޮފީހަށް ވަންނަން އުޅެނިކޮށް ކުރީގެ މަޖިލިސް މެންބަރު ކާނަލް ނަޝީދު ހައްޔަރު ކޮށްފައި ވާ ކަމަށް ޕީޕީއެމުން ބުނެއެވެ.
ހަމައެއާއެކު ފުލުހުން ދަނީ ޕާޓީ އޮފީހަށް ވެސް އަދި ކައިރި ރެސްޓޯރެންޓްތަކަށް ވަންނަ މީހުންނަށް ވެސް ހުރަސް އަޅަމުން ކަމަށް ޕީޕީއެމުން ބުނެއެވެ. މީހާރު ވެސް ޕީޕީއެމް އޮފީސް ދޮރުމަތީ ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު މުޒާހަރާ ކުރުމަށް ނިންމާފައި ވަނި "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައެވެ. މި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުންނަން ނިންމާފައި ވާއިރު، އިދިކޮޅުން ދަނީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. ނަމަވެސް ފުލުހުންނާއި ސަރުކާރުން ވެސް ވަނީ މިހާލަތުގައި އެއްވުންތައް ބޭއްވުމަށް ޖާގަ ނުދޭނެ ކަމުގެ އިންޒާރު ކުރިއާލާ ދީފައެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ވެސް ހިލާފަށް އެއްވުން ބާއްވަން ރާވަމުން ދާ ކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށެވެ. އަދި އެޗްޕީއޭގެ އެންގުންތަކާ ހިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އަމަލު ބަހައްޓާ ބަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރި ކުރުމަށް، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް އަންގާފައެވެ.