ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ކުރިމަތީގައި ކިއުގައި ޖެހިގެން ގިނަ އިރު ތިބެން ޖެހޭ މައްސަލަ ހައްލު ކޮށްދޭނެ ކަމަށް އެ ހައިކޮމިޝަނުން ބުނެފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ ވިސާއަށް ފޯމް ހުށައަޅާ ފަރާތްތަކަށް ޓޯކަން ސިސްޓަމްގެ ސަބަބުން ދިމާވެފައިވާ ދަތިތަށް ފާހަގަ ކުރެވިފައި ވާ ކަމަށެވެ. އަދި މެޑިކަލް ވިސާއަށް ފޯމް ހުށައަޅާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި، ދެތިން ދުވަސް ތެރޭ ހައްލެއް ލިބޭނެ ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.

ހައި ކޮމިޝަނުން އިތުރަށް ބުނީ، ކޮވިޑް-19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ވަނީ ބަންދު ކޮށްފައި ކަމަށެވެ. ނަމަވެސް އިންޑިއާ އާއި ރާއްޖެއާ ދެމެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން ޖޫން 2020 އިން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އަދި މިހާތަނަށް 5000 މެޑިކަލް ވިސާ ދޮކޮށްފައި ވާއިރު 2021 ގައި އެކަނި ވެސް 2000 މެޑިކަލް ވިސާ ދޫ ކޮށްފައި ވާ ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.

ހައި ކޮމިޝަނުން މިހެން ބުނެފައި ވާއިރު، އިންޑިއާއަށް ބޭސްފަރުވާއަށް ދާން މެޑިކަލް ވިސާ ހޯދުމަށް ސަލާން ޖަހަން ޖެހޭ ކަމަށް ބުނެ ގިނަ ދިވެހިން ދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފަޅު ކުރަމުންނެވެ. އެގޮތުން ހެނދުނު 8:00 ގައި ދޫކުރާ ޓޯކަން ނަންބަރު ހޯދަން އޭގެ ކުރީ ރޭ އިރާކޮޅުއްސުރެ ދިވެހިން ތިބެނީ ހައިކޮމިޝަން ބޭރުގައި ކިއު ހަދައިގެންނެވެ. ނަމަވެސް ކޮންމެ ދުވަހަކު ދޫކުރަނީ 50 ޓޯކަން ނަންބަރެވެ.