ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިނަކީ ހުރިހާ ގައުމަކަށްވެސް އިންސާފުން ލިބިދޭ ވެކްސިނެއް ކަން ކަށަވަރު ކުރުމަށް ގާއިމު ކޮށްފައިވާ، "ކޮވެކްސް" ފެސިލިޓީ މެދުވެރިކޮށް ކޮވިޑް ވެކްސިން ލިބުނު ފުރަތަމަ ގައުމަކަށް ގާނާ ވެއްޖެއެވެ.
ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ގާނާއަށް ބުދަ ދުވަހު ގެންގޮސްފައި ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ކޮވިޑް ވެކްސިންގެ 600000 ޑޯޒްއެވެ. ގާނާއަށް ފޯރުކޮށް ދިނީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ބްރޭންޑް ކަމަށް މައުލޫމާތު ލިބެއެވެ. ގާނާގައި މި ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ ގުރޫޕުގައި ހިމެނެނީ ސިއްހީ ހިދުމަތްތެރިންނެވެ.
ކޮވެކްސްގެ މައިގަނޑު އަމާޒަކީ ކޮވިޑް ވެކްސިން ލިބިގަތުމުގައި ފަގީރު ގައުމުތަކާ މުއްސަނދި ގައުމުތަކާ ދެމެދު އޮތް ފަރަގު ކުޑަކޮށް، އެންމެނަށްވެސް ވެކްސިން ކަށަވަރު ކޮށްދިނުމެވެ.
ކޮވެކްސް އަމާޒު ހިފާފައި ވަނީ، މި ހިނގާ 2021 ވަނަ އަހަރު ނިމޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް 2 ބިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުމަށެވެ.
ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ކޮވިޑް ވެކްސިން ލިބުނު ފުރަތަމަ ގައުމަކަށް ގާނާ ވީ، ހަލުވި ދުވެލީގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވައުދު ވުމުގެ އިތުރުން، ކޮވެކްސް އިން ކަނޑާއަޅާފައިވާ ކްރައިޓީރިއާތައް ފުރިހަމަ ކުރުމުގެ ސަބަބުންނެވެ.
ކޮވެކްސް ފެސިލިޓީއިން ހަބަރު ދޭ ގޮތުގައި، މި ހަފުތާގެ ފަހުކޮޅު، އައިވަރީ ކޯސްޓަށްވެސް ވެކްސިން ޝިޕްމަންޓެއް ފޮނުވާނެއެވެ.
ގާނާގައި ކޮވިޑް ވެކްސިން ކެމްޕޭން ފަށާނީ އަންނަ ހަފުތާގެ ތެރޭގައެވެ. ވެކްސިން ދިނުމުގައި އިސްކަން ދޭ ލިސްޓުގައި ސިއްހީ ހިދުމަތްތެރިންގެ އިތުރުން ދެން ހިމެނެނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ސިއްހީ އެކި ބަލިތައް ތަހައްމަލު ކުރަމުން ދާ މީހުންގެ އިތުރުން އިސް އޮފިޝަލުން ކަމަށް މައުލޫމާތު ލިބެއެވެ.
"ކޮވިޑް-19 ވެކްސީންސް ގްލޯބަލް އެކްސެސް ފެސިލިޓީ" (ކޮވެކްސް) އަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިސްވެއޮވެ، އެޕިޑެމިކް ޕްރެޕެއާޑްނަސް އިނޮވޭޝަންސް (ސެޕީ) އާއި ވެކްސިން އެލާޔަންސް ގާވީގެ އިއްތިހާދީ މަޝްރޫއެކެވެ.