އެންމެ ޑޯޒްއެއްގެ މައްޗަށް އެކުލެވޭ ގޮތަށް، ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިނަކީ ރައްކާތެރި، އަދި ވައިރަހާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް ކަމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ކަނޑައަޅައިފިއެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިނަކީ 1 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިނަކަށް ވެފައި، މިއީ ފްރީޒަރެއްގެ ބަދަލުގައި އާދައިގެ ފްރިޖެއްގައިވެސް ރައްކާ ކުރެވޭ ވެކްސިނެއް ކަމުން، ފައިޒާއާއި މޮޑާނާގެ ކޮވިޑް ވެކްސިނާ އަޅާ ބަލާއިރު، މިއީ އެތައް ތަނެއް ހަރަދު ކުޑަ ކުރެވޭނެ ވެކްސިނެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިނާ ގުޅޭ ދިރާސާތަކުގެ ތަފާސް ހިސާބުތައް އާންމު ކުރީ މިދިޔަ މަހުއެވެ. ފާމަސޫޓިކަލް ވިޔަފާރީގެ އެންމެ ކުރީގައި ގުނާލެވޭ މި ކުންފުނިން ބެލްޖިއަމްގައި އޮޕަރޭޓް ކުރާ "ޖާންސެން" އިންވެސް ބުނެފައި ވަނީ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ކާމިޔާބު، އަދި ރައްކާތެރި ވެކްސިނެއް ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފޮޓޯ: އެލްއޭޓީ

ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަކީ، ކޮވިޑް-19 ޖެހިގެން ބާލި ހާލު ސީރިއަސް ވުމުގެ ނުރައްކާ، 85 ޕަސެންޓަށް ކުޑަކޮށް ދޭ ވެކްސިނެކެވެ. އަދި ޖުމުލަ ދިފާއީ ރޭޓް އުޅެނީ 66 ޕަސެންޓްގައި ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ވެކްސިން ޑޯޒް ޖެހިތާ 28 ދުވަސް ފާއިތުވުމަށް ފަހު ނެގި މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލި ތަފާސް ހިސާބުތަކެކެވެ.

ވައިޓްހައުސްގެ އޮފިޝަލަކު ވިދާޅުވީ، ޖޯންސަން އެންޑް ޖޯންސަންއިން ތަރައްގީ ކުރި ވެކްސިންގެ 3 މިލިއަނެއްހާ ޑޯޒް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގައި ފޯރުކޮށްދޭން ފަށާނެ ކަމަށެވެ. ނަމަވެސް، އެއީ އެފްޑީއޭއިން ރަސްމީ ސިފައެއްގައި އެމާޖެންސީ ޔޫސް އޮތޯރައިޒޭޝަން ދިނުމަށް ފަހުގައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ހިންގާ ވެކްސިން ކެމްޕޭންގެ ތެރެއިން ހުރިހާ ގައުމަކަށް އިންސާފުން ވެކްސިން ފޯރުކޮށްދިނުމަށް ގާއިމު ކޮށްފައިވާ "ކޮވެކްސް" ފެސިލިޓީއިންވެސް ވަނީ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިންގެ 500 މިލިއަން ޑޯޒްއަށް އޯޑަރު ދީފައެވެ. މީގެ އިތުރުން، އިނގިރޭސިވިލާތް (30 މިލިއަން ޑޯޒް)، ވިލާތުގެ އިއްތިހާދު (200 މިލިއަން ޑޯޒް) އަދި ކެނެޑާ (38 މިލިއަން ޑޯޒް) އިންވެސް ވަނީ ޖޯންސަން ޖޯންސަންގެ ކޮވިޑް ވެކްސިނަށް އޯޑަރު ދީފައެވެ.