ރާއްޖޭގައި ކޮވިޑް ބަލި މަޑުކަމުން އަރައިގަތުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް މިއަދު ވެކްސިން ޖަހަން ފަށައިފިއެވެ.
އެޗްޕީއޭއިން ބުނީ، މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވެކްސިން ޖަހުމުގެ ކަންކަން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓް އާ ގުޅިގެން ކަމަށެވެ.
މިކަމާ ގުޅިގެން ރެޑް ކްރެސެންޓުން ބުނީ، މިއަދު މި ހާސިލް ކުރެވުނީ ވަރަށް މުހިއްމު އަމާޒެއް ކަމަށެވެ. ހަމަހަމަ ކަމާއެކު ގައުމުގައި ތިބި އެންމެންނަށް ވެކްސިން ޖަހައި ދޭނެ ކަން ކަށަވަރުވެ އެއްވެސް ފަރުދެއް އިސްތިސްނާ ނުކޮށް ވެކްސިން ޖަހައިދޭނެ ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ. ރާއްޖޭގައި މަސައްކަތްތެރިންގެ ގޮތުގައި ތިބި ބިދޭސީންގެ ތެރެއިން ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ނެތް ބިދޭސީންނަށް މިއަދު ވެކްސިން ޖަހައި ދޭން ފަށާފައިވާ އިރު މި މަސައްކަތުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ފުރުސަތު ލިބިގެން ދިއުމަކީ ފަހުރުވެރިވާ ކަމެއް ކަމުގައި އެ ރެޑް ކްރެސެންޓުން ބުނެއެވެ.
ބިދޭސީންނަށް ވެކްސިން ޖަހައި ދޭން ފަށާފައިވާ އިރު ދިވެހިންގެ ތެރެއިން އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މިއަދު ވަނީ ވެކްސިން ޖަހަން ފަށާފައެވެ. ހަމައެއާއެކު އުމުރުން 25 އަހަރާއި 18 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސް ކުރާ މީހުންނަށް ވެސްސިން ޖަހައިދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ވަނީ ކޮވިޑް ބަލި މަޑުކަން ފެތުރެން ފެށި ފަހުން އެމީހުންގެ އެދުމުގެ މަތިން އނަބުރާ ގައުމަށް ފޮނުވާލާފައެވެ. އެ ގޮތުން މިއަދާ ހަމައަށް އައި އިރު މިފަދަ 8700 އަށް ވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ރަށަށް ފޮނުވާލާފައެވެ. އަދި ސައްހަ ލިޔެ ކިއުން އޮތް މީހުންގެ ތެރެއިން އަމިއްލައަށް އެދިގެން 8000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ފޮނުވާލާފައެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެގޮތުން މިހާތަނަށް 85،000 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.