އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮމްބަޑްސްޕާސަން އޮފީހުގެ ވެރިޔާ ޗީފް އޮމްބަޑްސް ޕާސަންއަށް ކަނޑައެޅި މުސާރަ ކުޑަވެ، މަޖިލީހުގައި ޝަކުވާ ހުށަހަޅުއްވައިފިއެވެ.

ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރައްވާފައި ވާ ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފް ސޮއިކުރައްވާ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ އޭނާއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މުސާރައަކީ އެކަށީގެންވާ އުޖޫރައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ މުސާރަ ބޮޑުކުރުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އޭނާގެ މުސާރައަކަށް ކަނޑައަޅާފައި ވަނީ 37،500 ރުފިޔާއެވެ.

މާލިއްޔަތު ކޮމިޓީގެ ލަފާގެ މަތިން މަޖިލީހުން ފާސްކުރާ އޭނާގެ މުސާރައާ ގުޅިގެން އެ ކޮމިޓީގައި މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިޒު ވިދާޅުވީ ޗީފް އޮމްބަޑްސްޕާސަންއަށް ކަނޑައަޅާފައި ވާ މުސާރަ ކުޑަވެގެން މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެންނެވި ނަމަވެސް އެކަމަކީ މަޖިލީހުން ގޮތެއް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން މާލިއްޔަތު ކޮމިޓީން ނިންމީ އޭނާގެ މުސާރަ ކަނޑައެޅުމުގައި ބެލި ކަންތައްތަކުގެ ތަފްސީލާ އެކު އެ މުސާރަ ބޮޑުކޮށްދެވެން ނެތް ކަމަށް ޗީފް އޮމްބަސްޑްޕާސަންއަށް ދެންނެވުމަށްވެސް ނާޝިޒު ވިދާޅުވެއެވެ.

ޗީފް އޮމްބަޑްސްޕާސަންގެ އަބްދުއްސަލާމް އައްޔަނު ކުރައްވާފައި ވާއިރު، އޮމްބަޑްސްޕާސަންގެ މަގާމަށް ގއ. ކަނޑުހުޅުދޫ ބްލޫރޯޒް ޖިހާދާ އަނީސްއާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާ ވަނީ އައްޔަން ކުރައްވާފައެވެ. މި ތިން ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރައްވާފައި ވަނީ އިންތިގާލީ އިންސާފުގެ ގާނޫނު ގެ ހަވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތިންނެވެ.

އެ ދެ ބޭފުޅުންގެ މުސާރައަކީ 33،500 ރުފިޔާއެވެ.

ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރެއްވި އާރިފް ވަނީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސް ކަން ކުރައްވާފައެވެ. އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ އިން މާސްޓާސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލު ކުރައްވާފައެވެ.