ތުރުކީވިލާތުގައި ހިންގާ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އިހާނެތި ގޮތަކަށް، ނޫސްވެރިޔާ ޖަމާލް ހަޝޯގީ މަރާލި މައްސަލައިގެ ރިޕޯޓެއް އާންމު ކުރުމުގެ ކުރިން، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ސައުދީގެ ސަލްމާން ރަސްގެފާނާ މިއަދު ފޯނުން ގުޅުއްވާނެ ކަމުގެ ހަބަރު ފެންމަތިވެއްޖެއެވެ.

މިކަން މިހެން ހިނގައިނަމަ މި ފޯނު ކޯލު ވާނީ، ރައީސް ބައިޑަންއާއި ސަލްމާން ރަސްގެފާނުގެ ފުރަތަމަ ބައްދަލު ކުރެއްވުމަށެވެ. ތަފާތު އެކި ކަންކަމާ މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވޭ މި ކޯލުގައި، ހަޝޯގީ މަރާލުމުގައި، ރަސްގެފާނުގެ ދަރިކަލުންގެ ދައުރު އޮތް ގޮތުގެ މައްޗަށްވެސް ވާހަކަފުޅު ދެކެވޭނެ ކަމަށް ބެލެވެއެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ (ވ) އަދި ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން/ފޮޓޯ: ޑެއިލީ ބީސްޓް

އޮފީސް އޮފް ދަ ޑައިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސްއިން ތައްޔާރު ކޮށްފައިވާ "ވަރުގަދަ" ޖާސޫސީ ރިޕޯޓް އާންމު ކުރާނީ ބުރާސްފަތި ދުވަހު ކަމަށް ހަބަރު ލިބެއެވެ. މި ރިޕޯޓަކީ، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ސައުދީގެ ކޮންސިއުލޭޓް ތެރޭގައި ހަޝޯގީ މަރާލުމުގައި، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ ދައުރު އޮތް ކަމަށް ބުނާ ރިޕޯޓެއް ކަމަށް ހަބަރު ލިބެއެވެ.

އެމްބީއެސްގެ އިތުރުން ސައުދީގެ ސަރުކާރުންވެސް ވަނީ، މިކަމުގައި އެމްބީއެސްގެ ދައުރެއް އޮތް ކަމަށް ކުރާ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން/ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި ސައުދީއާއި އެމެރިކާއިން ވަނީ ބަދަހި ގުޅުންތަކެއް ގާއިމު ކޮށްފައެވެ. އެގޮތުން ސައުދީގެ އަދުއްވެއްގެ ގޮތުގައި އޮތް އީރާނުގެ ސުލްހައިގެ އެއްބަސްވުމުން އެމެރިކާ ވަކިވުމުގެ އިތުރުން، އެމެރިކާގެ ދުވަހު ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓުގެ ކޮލަމިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ހަޝޯގީ މަރާލި މައްސަލާގައި، ސައުދީއާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅެއް އަޅާފައި ނުވާ ކަން ފާހަގަ ކުރަންޖެހެއެވެ.

މިދިޔަ އަހަރު ކުރިއަށް ދިޔަ ރިޔާސީ ކެމްޕޭންގައި ބައިޑަން ވަނީ، ހަޝޯގީގެ މަރުގެ އިލްޒާމް، އެމްބީއެސްއަށް އަމާޒު ކުރައްވާފައެވެ. އަދި ސައުދީއަށް ހަތިޔާރު ނުވިއްކާނެ ކަމަށްވެސް ބައިޑަން އޭރު އޮތީ ހާމަ ކުރައްވާފައެވެ. އެމެރިކާގެ ޖާސޫސީ އިސް އޮފިޝަލު، އޭވްރިލް ހެއިންސް ވަނީ، ހަޝޯގީގެ މަރާ ގުޅޭ ޖާސޫސީ ރިޕޯޓް، ބައިޑަންގެ ސަރުކާރުގައި އާންމު ކުރެވޭނެ ކަމުގެ ޔަގީންކަން، އެމެރިކާގެ ސެނެޓަށް އަރުވާފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމުގެ އަމަލުގައި ބައިވެރިވި ޑެތްސްކޮޑުން ތުރުކީވިލާތުގެ އެއާޕޯޓެއްގައި ހަރަކާތްތެރިވަނީ/ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، އެމެރިކާގައި ހުރެ ލިޔުންތަކެއް ޝާއިއު ކުރަމުންދިޔަ ހަޝޯގީ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީ، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓު އިމާރާތަށް ވަންނަނިކޮށެވެ. އެއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ކޮންސިއުލޭޓަށް އޭނާ ދިޔައީ، އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތުރުކީވިލާތުގެ ހަދީޖާ ޖެންގީޒްއާއި ކައިވެނި ކުރުމަށް، ހަމަޖައްސަން ޖެހޭ ލިޔެކިއުންތަކެއް ހަމަޖެއްސުމަށެވެ.

އޭގެ ފަހުން އަދާ ޖެހުނުއިރުވެސް ހަޝޯގީގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 59 އަހަރުގެ ހަޝޯގީ ކޮންސިއުލޭޓް ތެރޭގައި މަރާލުމަށްފަހު، ހަށިގަނޑުގެ ގުނަވަންތައް ބުރިބުރިކޮށް، އެތަނުން ނެރެ، އެހެން ތަނެއްގައި ނައްތާލީއެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ (ކ) ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަންނަނިކޮށް އެންމެ ފަހުން ފެނިފައިވާ ސީސީޓީވީ ފުޓޭޖުގެ ސްކްރީންގްރޭބް/ފޮޓޯ: ދި އޮސްޓްރޭލިއަން

ހަޝޯގީގެ މަރާ ގުޅިގެން އެންމެ ގިނަ ބަޔަކު ތުހުމަތު އަމާޒު ކުރަނީ ސައުދީގެ ވަލީއަހުދަށެވެ. ނަމަވެސް އެކަމަށް ސައުދީއިން އިންކާރު ކުރެއެވެ. ސައުދީ އަރަބިއްޔާއިން ވަނީ ހަޝޯގީގެ މަރާ ގުޅިގެން އެ ގައުމުން އަމިއްލައަށް ތަހުގީގުތަކެއް ހިންގާ، ބައެއްގެ މައްޗަށް ހުކުމް އިއްވާފައެވެ. ބައެއް މީހުން މަރަން ހުކުމް ކޮށްފައި ވާއިރު، މިއީވެސް ހެކި ނައްތާލަން ސައުދީއިން ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.