އިންތިހާއަށް ބަދަލުވެފައިވާ ކޮރޯނާވައިރަހުގެ 2 ވޭރިއަންޓެއް، އިންޑިއާގެ 3 ސްޓޭޓަކުން ފާހަގަ ކުރެވިގެން، އެ ގައުމުގެ މަރުކަޒީ ސަރުކާރުން ރިޕޯޓް ކޮށްފިއެވެ.

ބަދަލުވެފައިވާ 2 ވޭރިއަންޓް، (އެން440ކޭ އަދި އީ484ކޭ) ފެނިފައި ވަނީ މަހާރާޝްތުރާ، ކެރަލާ އަދި ތެލަންގަނާ އިން ކަމަށް، އިންޑިއާގެ މަރުކަޒީ ސަރުކާރުން ހަބަރު ދެއެވެ.

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ މި 2 ވޭރިއަންޓުގެ މެދުގައި ގުޅުމެއް ވާ ކަމާ، މަހާރާޝްތުރާ އަދި ކެރަލާގައި މިދުވަސްވަރު ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރެމުން ދާ ދިއުމާ ގުޅުމެއް އޮތް ކަން ކަށަވަރު ނުވާ ކަމަށެވެ.

ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ކުރިމަތިލުމަށް އިންޑިއާއިން އެކުލަވާލާފައިވާ ގައުމީ ޓާސްކް ފޯހުގެ އިސްވެރިޔާ ވީކޭ ޕޯލް ވިދާޅުވީ، ޕޮޒިޓިވް ޕޭޝަންޓުންގެ ހަށިގަނޑުން ސާމްޕަލް ނަގައިގެން ހެދި ޓެސްޓުތަކުން 2 ވޭރިއަންޓެއް އުޅޭ ކަން ކަށަވަރު ވާ ކަމަށެވެ. އަދި މި 2 ވޭރިއަންޓަކީ، މުޅި އިންޑިއާއަށް ފެތުރިފައިވާ ވައިރަހާ ބަލާއިރު، ވަރަށް ބޮޑަށް ބަދަލުވެފައިވާ 2 ވޭރިއަންޓް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕޯލް ވިދާޅުވީ، ވައިރަސް ބަދަލު ވަމުން އަންނަ ގޮތް، އިންޑިއާގެ މައި ސަރުކާރުން، ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ކޮރޯނާވައިރަހުގެ އެކި ވޭރިއަންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކުރަމުން ދާއިރު، ދެކުނު އެފްރިކާ އަދި ބްރެޒިލްއާއި އިނގިރޭސިވިލާތުން ފެނުނު އާ ވޭރިއަންޓްތަކާ ގުޅޭ ކޭސްތައްވެސް އިންޑިއާއިން ދަނީ ރިޕޯޓް ކުރަމުންނެވެ.