އަނބުރާ ގައުމަށް ފޮނުވާލުމަކީ އެމީހުންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ޖަމާއަތްތަކުން ބުނަމުން ދަނިކޮށް، ކޯޓު އަމުރާ ހިލާފަށް، މެލޭޝިއާއިން މިޔަންމާ ރެފިއުޖީން ޑީޕޯޓްކޮށްފިއެވެ.

ރެފިއުޖީންގެ ދަރަޖަ ބަލައި ނުގަންނަ މެލެޝިއާއަށް ގަވައިދާ ހިލާފަށް އެތެރެވެފައިވާ މިޔަންމާގެ ރައްޔިތުންގެ ތެރެއިން، 1086 ރެފިއުޖީއަކު، އަންގާރަ ދުވަހު ޑީޕޯޓްކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިޔަންމާގެ ރައްޔިތުން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް މެލޭޝިއާއިން މަސައްކަތް ފެށީ، މިމަހުގެ 1 ވަނަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ވެރިކަމާ ހަވާލުވި އެ ގައުމުގެ އަސްކަރިއްޔާއިން، މަނަވަރު ފޮނުވައިގެން މީހުން ބޭލުމުގެ މަސައްކަތް ކޮށްދޭނެ ކަމަށް ހުށަހެޅުމުން ކަމަށް އޮފިޝަލުންނާއި، ރެފިއުޖީ ގުރޫޕުތަކުން ބުނެއެވެ.

މެލޭޝިއާއިން ވަނީ 1200 އެއްހާ ރެފިއުޖީން ޑީޕޯޓް ކުރާނެ ކަން އިއުލާން ކޮށްފައެވެ. ނަމަވެސް ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއެޗްސީއާރް)ގައި ދަފުތަރު ކޮށްފައި ތިބި ރެފިއުޖީން ފޮނުވާ ނުލާނެ ކަމަށް، މެލޭޝިއާއިން ވަނީ ވައުދުވެފައެވެ. ނަމަވެސް، ޑީޕޯޓްކުރި މީހުންގެ ތެރޭގައި، އެ އިދާރާގައި ދަފުތަރު ވެފައިވާ 6 މީހަކު ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

މެލޭޝިއާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނީ، ޑީޕޯޓް ކުރި މީހުންގެ ތެރޭގައި، ރޯހިންޏާ ދަރިކޮޅުގެ މީހުންނާއި، މެލޭޝިއާގެ ހިމާޔަތަށް އެދިގެން އެ ގައުމަށް ދަތުރު ކުރި މީހުން ނުހިމެނޭނެ ކަމަށެވެ.

މެލޭޝިއާގެ އިމިގްރޭޝަން ޑިޕާޓްމަންޓްގެ ޑައިރެކްޓާ ޖެނެރަލް، ހައިރުލް ޒައިމީ ދާއޫދު ވިދާޅުވީ، ޑީޕޯޓް ކުރި މީހުންނަކީ، އަމިއްލަ އިހުތިޔާރުގައި، ގައުމަށް އެނބުރި ދާން ބޭނުންވި ބައެއް ކަމަށާ، އެ ނިންމުން ނިންމުމަށް، އެއްވެސް ފަރާތަކުން ފިއްތުންތައް ކުރިމަތި ކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް، ކޯޓު އަމުރާ ހިލާފަށް އެމީހުން ޑީޕޯޓް ކުރީ ކީއްވެކަމެއް އޭނާ ތަފްސީލުކޮށް ނުދެއްވައެވެ.

މިޔަންމާގެ ރެފިއުޖީން ޑީޕޯޓް ކުރުން، މެލޭޝިއާ ގަޑިން މިއަދު ހެނދުނު 10:00ގެ ނިޔަލަށް މަޑުޖައްސާލުމަށް އެ ގައުމުގެ ހައިކޯޓުން އޮތީ އަމުރު ކޮށްފައެވެ. އެއީ، ޑީޕޯޓް ކުރުމުގެ މައްސަލަ ބަލައިދިނުމަށް އެދި، ހައްގުތަކަށް މަސައްކަތް ކުރާ ގުރޫޕުތަކުން، ކޯޓަށް ވެއްދި މައްސަލައެއްގެ އަޑުއެހުމާ ގުޅިގެން ކަމަށް ހަބަރު ލިބެއެވެ.