ސީލައިފް ގްލޯބަލް އިން ފްލެޓް ވިއްކުމަށް ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާ މައްސަލައާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ހައްޔަރު ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައި ވަނީ އަވައްޓެރި ސްރީލަންކާއިންނެވެ. އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަން ކަށަވަރެއް ނުކޮށްދެއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 3000 އެޕާޓްމަންޓް އެޅުމަށް ސީލައިފް ގްލޯބަލް އަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލު ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމަންޓްތައް ގަތުމަށް ބުކިންގް ޕީ އެއްގެ ގޮތުގައި 280 މީހެއްގެ އަތުން 50،000 ރުފިޔާ ސީލައިފް އިން ނަގާފައި ވެއެވެ.

އެ ކުންފުންޏަށް ފައިސާ ދެއްކި 200 އަށް ވުރެ ގިނަ މީހުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވެއެވެ. އަދި އެކުންފުނީގެ އެމްޑީ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ވެސް ވަނީ އަމުރެއް ނެރެފައެވެ. އަދި މީގެ ކުރިން އޭނާ ހޯދުމަށް ރެޑް ނޯޓިސްވެސް ވަނީ ނެރެފައެވެ.