އޮޔާ ދަނިކޮށް ފެނުނު ޑިންގީއެއްގައި އެކަނި އިން ބިދޭސީ މީހާއާއި ވ. އަތޮޅު ފަޅުރަށެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ސްރީލަންކާއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މި ކަން ކުރުމަށް މަސައްކަތް ކުރަމުން ދަނީ ލަންކާ ހައިކޮމިޝަންއާ ގުޅިގެން ކަމަށެވެ.

އެ ދެމީހުން ފެނިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެގޮތުން ފުއްތެޔޮ ބޮޑުފުއްޓަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށް މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އެ ދުވަހުގެ 11 ޖަހާކަށް ހާއިރެވެ. އަދި އެމީހާ ފެނުމާއެކު ފުލުހުން ވަނީ އޭނާގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކޮށްފައެވެ. އަދި އެ ފެނުނު މީހާ އަކީ ބިދޭސީއެއް ކަަމަށް ފުލުހުން ބުނެފައި ވެއެވެ. މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނިފައިވާ އިރު އެމީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ފެންނަން ހުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ސާފުކޮށް ދީފައެއް ނުވެއެވެ.

އެއަށް ފަހު އެ ދުވަހުގެ ހަވީރު ވަނީ އޮޔާ ދަނިކޮށް ޑިންގީއެއް ފެނިގެން އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައެވެ. ވ. އަންބަރާ ކައިރިން ދަތުރުކުރަމުން ދިޔަ "މޯލްޑިވިއާނާ" ނަމަކަށް ކިޔާ ސަފާރީ އަކަށް ހާލުގައި ޖެހި އޮޔާދާ ޑިންގީ އެއްގައި ބިދޭސީ މީހަކު އިންދާ ފެނިގެން ރިޕޯޓް ކުރީ އެ ދުވަހުގެ ހަވީރު 05:12 ހާއިރެވެ. އަދި އެމީހާ އަތުގައި ހުރި ލިޔެ ކިޔުންތަކަށް ބަލާއިރު އެއީ ސްރީލަންކާ މީހެއް ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އެމީހާ ޑިންގީގައި އިންދާ ނަގާފައިވާ ފޮޓޯއެއް އެމްއެންޑީއެފުން އާންމުކޮށްފައިވާ އިރު އެ ޑިންގީއަކީ ރާއްޖޭގެ ޑިންގީއެއް ނޫންކަން ހާމަވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ވ. ފުއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ވ. އަންބަރާ ބޭރުން އޮޔާ ދިޔަ ޑިންގީ އާ ގުޅުން ހުރި މީހެއް ކަމަށެވެ. އަދި އެއީ ލަންކާއަށް ނިސްބަތްވާ ބައެއް ކަމަށެވެ. އަދި އެ ދެމީހުންނަކީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ސްރީލަންކާއިން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ބެހިގެން މިހިސާބަށް އާދެވުނު ބައެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު