30 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މިހާރު ކޮވިޑް-19 އަށް ވެކްސިން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ އުމުރުން 30 އަހަރުން މަތީގެ އެންމެންނަށް މިހާރު ފެށިގެން ވެކްސިން ލިބޭނެ ކަމަށާއި އޭގެ އިތުރުން އުމުރުން 18 އާއި 30 އަހަރު ދެމެދު އުމުރު ފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ކުރިއަށް ގެން ދާނެ ކަމަށެވެ.
ދިގު މުއްދަތަކަށް ބޭސްކުރާނަމަ ވެކްސިން ޖަހަން އަންނައިރު ބޭސް ސިޓީ ގެންދިއުމަށް އެއެޖެންސީން އިލްތިމާސް ކުރެއެވެ.
ކޮވިޑް ވެކްސިން ޖެހުމުގު ހުއްދަ ލިބިފައި ވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އެހެންކަމުން މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ ހައި ރިސްކު ކޮންމެ މީހަކަށް މިހާރު ވެސް ވެކްސިން ޖެހޭނެއެވެ. ދިގު މުއްދަތަށް ބޭސްކުރާ ނުވަތަ ހައިރިސްކު މީހުންގެ ކެޓެގަރީގައި ހިމެނޭ މީހުންނަކީ:
- ހަކުރު ބަލި ހުންނަ މީހުން
- ހިތުގެ ބަލިތައް ހުންނަ މީހުންނާއި ސްޓްރޯކް ޖެހުން ފަދަ ބައްޔެއްގައި އުޅޭ މީހުން
- ކިޑްނީ ބަލިތަކުގެ ބަލި މީހުން
- ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުން ކުރާ ބޭހެއްގެ ސަބަބުން ދިފާއީ ބާރު ދަށްވެފައިވާ މީހުން
- ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުން
- އިސްކޮޅާއި އަޅާބަލާއިރު ބަރުދަން މަތި މީހުން (ބީއެމްއައި 40 އިން މަތީގައިވާ މީހުން)
- ތެލެސީމިއާ/ސިކްލްސެލް އެނީމިއާ ހުންނަ މީހުން މިއެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެގޮތުން މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ. މިހާތަނަށް މާލެއިން ވެކްސިން ޖަހާފައިވާ ޖުމްލަ މީހުންގެ އަދަދަކީ 53،669 އެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 16،340 އެވެ.
މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒާއި، ރައްޔިތުން މަޖިލިސް ކުރާ އިދާރާ، ހުޅުމާލޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. ހަމައެއާއެކު އައިޖީއެމްއެޗާއި އޭޑީކޭ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސް ދަނީ ވެކްސިން ޖަހައި ދެމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ 69 ސެންޓަރެއްގައި ދަނީ ވެކްސިން ޖަހައި ދެމުންނެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ އިންޑިއާއިން އެއްލައްކަ ޑޯޒްގެ ކޮވީޝިލްޑް ވެކްސިން ހަދިޔާ ކުރުމުންނެވެ. އޭރު ނިންމާފައި ވަނީ އެ އެއްލައްކަ ޑޯޒްއިން ވެކްސިން ދޭ ކޮންމެ މީހަކަށް ދެ ޑޯޒް ފުރިހަމަ ކުރުމަށެވެ. ނަމަވެސް މިހާރު ނިންމާފައި ވަނީ އެއް ލައްކަ ޑޯޒް ހުސްވަންދެން އެއް ޑޯޒް ޖެހުމަށެވެ. އެހެންކަމުން ކުރިން އެއް ޑޯޒް ޖަހާފައިވާ މީހުންނަށް ދެވަނަ ޑޯޒް ޖަހާނީ އިތުރަށް ވެކްސިން ގެނައުމަށް ފަހުއެވެ. ދެވަނަ ޑޯޒް ޖަހަން ނިންމާފައި ވަނީ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާ ފަހުންނެވެ.