އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާ އިވެންޓަކާ ގުޅިގެން މާދަމާ މާލޭގެ ބައެއް މަގުތައް ހެނދުނު 7:30 އިން ފެށިގެން ބަންދު ކުރަން ނިންމައިފިއެވެ.

ފުލުހުން ބުނީ، މާދަމާ ބޭއްވަން ހަމަޖެހިފައިވާ އިވެންޓަކާ ގުޅިގެން ބައެއް މަގުތައް ބަންދު ކުރަން ނިންމާފައިވާ ކަމަށާއި އަދި އެ މަގުތަކުގައި ދުއްވާ އެއްގަމު އުޅަނދު ޕާކް ކުރުން މަނާ ކަމަށެވެ. މާލޭގެ ބޮޑުތަކުރުފާނު މަގުގެ ބައެއް މާދަމާ ހެނދުނު 7:30 އިން ފެށިގެން އިވެންޓް ނިމެންދެން އާންމު ޓްރެފިކަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބަންދުވާނެއެވެ.

އެ އިވެންޓާ ގުޅިގެން އެ ސަރަހައްދު ބަންދު ކުރަން ނިންމާފައި ވާތީ، މިރޭ 12:00 ގެ ފަހުން ޗާޓުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ޕާކު ކުރުމަކީ މަނާކަމެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އެސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތައް ވެސް މިރޭ 12:00 ގެ ކުރިން ނެގުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

މިއަދުވެސް މާލޭގެ އެ ސަރަަހައްދުގެ މަގުތައް ވަނީ ބަންދު ކޮށްފައެވެ. މަގުތައް ބަންދުކޮށްފައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު ރާއްޖެއަށް ވަޑައިގަތުމުންނެވެ. އޭނާ ރާއްޖޭގައި 2 ދުވަސް މަޑުކުރައްވާނެ ކަމަށް ސަރުކާރުން ބުނެފައި ވާ އިރު މާދަމާ ވެސް އޭނާ ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ.

އޭނާގެ މި ދަތުރުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ގާއިމު ކުރާ ގިނަ އެއްބަސްވުންތަކެއްގައި މިއަދުވެސް ވަނީ ސޮއިކޮށްފައެވެ.