މިއަދު އިދިކޮޅުން ބޭއްވި މުޒާހަރާ ރޫޅަލުމުން ލެސޫކް ރެސްޓޯރެންޓް ތެރޭގައި ތިބި ބަޔަކު ގަދަކަމުން ނެރުނު އިރު އެތަނުގައި ހުރި ޗެނަލް 13ގެ ނޫސްވެރިއަކު ނެރުނީ އެއީ ނޫސްވެރިއެއް ކަން ނޭނގި ކަމަށް ފުލުހުން ބުނެފިއެވެ.

ހާދިސާ ހިނގައި ދިޔަ ގޮތް ކަމަށް ބުނެ ފުލުހުން ބުނީ މުޒާހަރައިގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދާން އެންގުމުން ފުލުހުންނާ ހަޑި ހުތުރު ބަހުން މުއާމަލާތް ކޮށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައިފައި ވާ ކަމަށެވެ. އަދި މުޒާހަރައިގެ ބައެއް ބައިވެރިން ކެފޭ ތެރެއަށް ވަދެގަނެފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެގޮތަށް އެ ކެފޭ ތެރެއަށް ވަދެގަތް މީހުން އެތަނުން ނެރެފައިވާ ކަމަށެވެ. އަދި ޗެނަލް 13ގެ ނޫސްވެރިޔާ އެތަނުން ނެރުމުގެ ކުރިން، އޭނާއަކީ ނޫސްވެރިއެއް ކަން ފުލުހުންނަށް އަންގާފައި ނުވާ ކަމަށާއި އޭނާއަކީ ނޫސްވެރިއެއް ކަމަށް ބުނުމުން އޭނާ ދޫކޮށްލާފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އެހެން ބުނި ނަމަވެސް، މިހާރު އާންމު ވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން ލެސޫކަށް ވަން އިރު ޗެނަލް13 ގެ 4 ނޫސްވެރިއަކު ތިބީ މޭޒުކައިރީގައި އިށީނދެއެވެ. ފުލުހުން ގަދަކަމުން ނެރެގެން ގެންދިޔައީ ޗެނަލް13 ޑެޕިއުޓީ ހެޑެއެވެ. އޭރު އޭނާގެ ޖީބުގައި ނޫސްވެރިއެއްކަން އަންގައިދޭ ފާސް ފެންނަން އޮތެވެ. އަދި އެތާ ތިބި އެހެން މީހުން އެއީ ނޫސްވެރިއެއް ކަމަށާއި އަދި މީޑިއާ ކަމަށް ގޮވަމުން ދިޔަ އަޑުވެސް އިވެއެވެ. ނަމަވެސް ފުލުހުން އޭނާ ގަދަކަމުން ސިޑިން ބާލާ ކެފޭއިން ބޭރަށް ނެރޭތަން ފެނެއެވެ.

https://www.facebook.com/watch/?v=763352784594612

މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބުނީ ކެފޭ ތެރެއަށް ވަދެގަތް މުޒާހަރައިގެ ބައިވެރިންނާއި ނޫސްވެރިޔާ ހިމެނޭހެން އެތަނުން ނެރެން އުޅުމުން ހަމަނުޖެހުން ހިންގާފައި ވާ ކަމަށެވެ. އެގޮތުން އޭނާ ވަނީ ބިންމައްޗަށް ވެއްޓިގަނެ އަމުރަށް ނުކިޔަމަންތެރި ވެފައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި ހާދިސާފައި ނޫސްވެރިޔާގެ ފަރާތުން ފެނިފައި ވަނީ ނޫސްވެރިއެއްގެ ފުށުން ފެނިގެން ވާނެ ފަދަ އަމަލުތަކެއް ކަމަށް ނުދެކޭ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މުޒާހަރާތަކާއި އެނޫން ވެސް އެހެނިހެން ކަންކަން ކަވަރު ކުރާ ނޫސްވެރިންނަށް ވީހާވެސް ބޮޑަކަށް ފުރުސަތު ފަހިކޮށް ދީ ހާމަ ކަން ބޮޑު ގޮތެއްގައި އެފަދަ ކަންކަން ކަވަރު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ޕޮލިސް މީޑިއާގެ ފަރާތުން އަބަދު ވެސް މަސައްކަތް ކުރަމުން ދާ ކަމަށެވެ. ނަމަވެސް ބައެއް މަދު މީޑިއާގެ ފަރާތްތަކުން ނޫސްވެރިކަމުގެ މިންގަނޑުން ބޭރުވެ، ހަމަ ނުޖެހުން އުފެދޭ ގޮތަށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭގޮތަށް އަމަލު ކުރާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެއީ ފުލުހުން ކަންބޮޑުވާ ކަމެއް ކަން ފާހަގަކޮށް ފުލުހުން ވަނީ ހުރިހާ ނޫސްވެރިން ވެސް މިކަމަށް ސަމާލުވެ ދިނުމަށް އެދިފައެވެ.