ލައިވް ޓީވީގައި ފުލުހުންނަށް އިންޒާރު ދިން ޕީޕީއެމްގެ އެކްޓިވިސްޓަކު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ޓީވީ ޗެނަލަކުން ގެނެސްދިން އިންޓަވިއުއެއްގައި ފުލުހުންނަށް ހެކިބަސް ދޭ މީހުންނަށް އިންޒާރު ދީ ބިރު ދެއްކި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށެވެ. މި ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީހު ކުރަމުންނެވެ.

ޗެނަލް 1 އިން ދެއްކި އިންޓަވިއުއެއްގައި ފުލުހުންނަށް އިންޒާރު ދީގެން ހިފަހައްޓާފައި ވަނީ "ސަމަދުބެ" ނަމަކަށް ކިޔާ ޕީޕީއެމް އެކްޓިވިސްޓެކެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ މިއަދު ހަވީރު ޕީޕީއެމުން ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.

ސަމަދުބެ ފުލުހުންނަށް އިންޒާރު ދީފައި ވަނީ މީގެ ކުރިން ޕީޕީޢެމުން ބޭއްވި އިހުތިޖާޖެއްގައި އޭނާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލުމުން ޗެނަލް 13 އަށް ދިން އިންޓަވިއު އެއްގައެވެ. އޭނާ ބުނެފައި ވަނީ މަކަރާއި ހީލަތް ހަދައިގެން ދޮގު ހެކި ދީގެން އޭނާ ބަންދު ކުރި ބަންދު ކުރުމަށް އޭނާ ހުރީ ވަރަށް ފާރަލައިގެން ކަމަށާއި ފުލުހުންގެ ތެރެއިން އެ ބަޔާން ދިން ވަކި ވަކި މީހުން އޭނާއަށް އެނގޭ ކަމަށެވެ. އަދި އެ ފުލުހުންނާއި ހައްގު އަރާ ހަމަ ކުރާނެ ކަން ހަނދާން ކުރުމަށް ގޮވާލާ އޭނާ ބުނީ އެ ފުލުހުން ޖަލުގެ ތޭރިތަކަށް އެމީހުން ދާނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

ހަމައެއާއެކު 2023 ވަނަ އަހަރު ޕީޕީއެމްގެ ވެރިކަމެއް އަންނާނެ ކަމަށާއި، އެ ވެރިކަމަށް އައުމަށްފަހު އެންމެން ވަކި ވަކިން "ކޮށާލާނެ" ކަމަށް ވެސް ސަމަދުބެ ބުނެފައި ވެއެވެ.