ރ. ފައިނުގައި މޫދަށް އެރި އުޅުނު އުމުރުން އެންމެ 5 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފައިނު ކައުންސިލުގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވީ އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދާތާ ބައި ގަޑިއިރެއް ހާއިރު ފަހުން، މޫދު އަޑިންނެވެ. މޫދުގެ 2 ފޫޓު އަޑިން ކުއްޖާ ފެނުނު އިރު ކުއްޖާގެ މޫނުގައި އަޅާފައި ވާ މާސްކު ވެސް އޮތް ކަމަށް ނާސިރު ވިދާޅުވިއެވެ.

ނާސިރު މައުލޫމާތު ދެއްވި ގޮތުގައި 5 އަހަރުގެ އެ ކުއްޖާ މޫދަށް ގޮސް އުޅުނީ އެ އުމުރު ފުރައިގެ ކުޑަކުދިންތަކަކާ އެކުއެވެ. އަދި އެ ކުއްޖާއާއެކު ބޮޑު މީހަކު ހުރިތޯ ސުވާލު ކުރުމުން ނާސިރު ވިދާޅުވީ އެ މައުލޫމާތު އެހާ ސާފުކޮށް އެނގިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ކުއްޖާ ގޮނޑުދޮށަށް ކުޅެން ދިޔައީ ބޮޑެތި މީހުންނާއެކު ހުރުމަށް ފަހު، އެ ދިމާއަށް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

މިއަދު ހަވީރު 5:15 ހާއިރު ކުއްޖާ ގެއްލިގެން ހޯދަން އުޅުނުއިރު، ކުއްޖާ ފެނިފައި ވަނީ ބައި ގަޑިއިރެއްހާއިރު ފަހުންނެވެ. އަދި ނަގައިގެން ހޮސްޕިޓަލަށް ގެންދިއުމުން، ކުއްޖާގެ މަރުވެފައިވާ ކަން ޑޮކްޓަރުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ރ. ފައިނުގައި 5 އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނުނުއިރު، މިދިޔަ ނޮވެމްބަރު މަހު 29ގައި އދ. ފެންފުށީގައި ވަނީ 4 އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިފައެވެ. ހަމައެއާއެކު، ޖުލައި 4، 2019ގައި މާފުށީގައި ވެސް ވަނީ 4 އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިފައެވެ. މި ތިން ކުދިން ވެސް މޫދުން ފެނިފައި ވަނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.