އިދިކޮޅު ޕީޕީއެމްގެ މެންބަރުން މާލޭ މަގުމަތީގައި މުޒާހަރާ ކުރަމުން ދާއިރު، ފުލުހުންނާ ކުރިމަތިލުމެއް ހިނގައިފިއެވެ.

ފްލެޓް އޭގެ ހައްގުވެރިންގެ އަތުން ފޭރިގެންފައިވާ ކަމަށާއި، ފްލެޓްގެ ހައްގުވެރިންނަށް އެ ދިނުމަށް ގޮވާލާ އިދިކޮޅުން މިއަދު ބާއްވާ މުޒާހަރާ ފަށާފައި ވަނީ މިއަދު ހަވީރު 4:30 ހާއިރެވެ. މުޒާހަރާ ހޫނުވެ، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ކުރިމަލިތުން ހިނގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހާފައެވެ.

ޕެޕާ ސްޕްރޭ ޖަހާފައި ވަނީ މުޒާހަރާގެ ބައިވެރިން ގްރީންޒޯނަށް ވަންނަން އުޅުމުންނެވެ. ސުޕްރީމް ކޯޓް، ޖަސްޓިސް ބިލްޑިން އަދި ނައިބު ރައީސްގެ ގެކޮޅު ހިލާލީގެ ކައިރިއަށް މުޒާހަރާގެ ބައިވެރިން ދާން ވަނީ މަސައްކަތް ކޮށްފައެވެ.

މިއަދުގެ މުޒާހަރާގައި ފުލުހުން ހަރަކާތްތެރިވެފައި ވަނީ ރައިޓް ގިޔަރުގައެވެ.

19 ފެބްރުއަރީ: ޕީޕީއެމް މުޒާހަރާގެ ތެރެއިން

ޕީޕީއެމް މުޒާހަރާގައި ބައިވެރިން ގޮވާލަމުން ދަނީ "މަގޭ ފްލެޓް ކޮބާ؟"އެވެ. އަދި އިންސާފު ގާއިމް ކުރުމަށާއި ރައީސް ސޯލިހް އިސްތިއުފާ ދިނުމަށް ގޮވާލުމުގެ އިތުރަށް ރައީސް ޔާމީން މިނިވަން ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.

މުޒާހަރާގައި ޕީޕީއެމްގެ މެންބަރުން ބުނަމުން ދަނީ މިއަދު ފެންނަމުން ދަނީ އަނިޔާވެރިކަމާ ދެކޮޅަށް ނިކުތް ސަރުކާރުގެ އަނިޔާވެރިކަން ކަމަށެވެ.