ލައިސަންސް ދޫކުރުމާއި ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކަންކަމުގައި ކޮރަޕްޝަން ހިނގާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނުމުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން އެކަން ކުށްވެރި ކޮށްފިއެވެ.

ޓްރާންސްޕޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދެމުން ދަނީ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ވެހިކަލެއް ބާއްވާނެ ގަރާޖެއް ހުރިކަން ކަށަވަރު ކުރުމަށް ފަހު ކަމަށާއި އެކަން ކަށަވަރުކޮށް ދިނުމަށް ޓަކައި ރަޖިސްޓްރޭޝަނަށް ހުށަހަޅާ ފޯމާ އެކު މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ގަރާޖު ހުއްދައެއް އޮންނަން ޖެހޭ ކަމަށެވެ.

އަދި ރަޖިސްޓްރީ ކޮށްދެނީ އެ ލިޔުންތަކަށް ބެލުމަށް ފަހު ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު މާލެއަށް ރަޖިސްޓަރީ ކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރާތީ 2019 ވަނަ އަހަރުން ފެށިގެން ވެހިކަލް ބާއްވާ ގަރާޖަކީ ރަގަޅު ތަނެއްތޯ އެ އޮތޯރިޓީން ބަލާ ޗެކްކުރަމުން އަންނަ ކަމަށެވެ.

އަދި އެ އޮތޯރިޓީން އެތަން ބަލާއިރު އެތަނަކީ ގަރާޖަކަށް ނުވާނަމަ ނުވަތަ ގަރާޖެއްގެ ޝަރުތު ފުރިހަމަނުވާ ތަނެއްނަމަ އެތަނަކަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީފައި ނުވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން އެފަދައިން ބުނެފައި ވަނީ އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތް ސީޑީސީގެ ޑރ. ސިމާދު ސައީދު، އެންމެ ބޮޑަށް ކޮރަޕްޝަން އެކުލެވޭ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ލައިސަންސް ދިނުމުގެ ކަންކަމާއި ވެހިކަލް ރަޖިސްޓްރޭޝަންގެ ކަންކަން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެގޮތުން އޭނާ ވިދާޅުވީ އެންމެ ގަރާޖަކަށް 70 ވެހިކަލް ރަޖިސްޓްރީ ކުރުން ފަދަ ކަންކަން ހިނގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހީވެސް ނުކުރާ ވަރުގެ ބޮޑު ކޮރަޕްޝަނެއް މިކަމުގައި އެބަ އެކުލެވޭ. އެންމެ ގަރާޖަކަށް 70 ވެހިކަލް ރެޖިސްޓްރީ ކުރުުން ކަހަލަ ކަންތައްތައް ވެސް އެބަ ހިނގާ. އަދި އެ ގަރާޖަކީ ހަގީގަތުގައި ވެސް ގަރާޖެއްތޯ ނުވަތަ ފާމަސީއެއްތޯ. ބޯކޮށާތަނެއްތޯ. މިކަން ވެސް ބެލޭނެ ގޮތެއް ނެތް
ސިމާދު

އެ ބައްދަލުވުމުގައި ސިމާދު ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމާއި ރަޖިސްޓްރޭޝަން އޮތީ، ކޮރަޕްޝަނަށް ހުޅުވިފައި ކަމުގެ ތުހުމަތު ކުރައްވާ އެ މައްސަލަ އަށް އޮތް ހައްލަކީ ލައިސަންސް ދިނުން ޑިޖިޓައިޒް ކުރުން ކަމަށެވެ. އަދި ލައިސަންސް ދޫކުރަން ޓްރާންސްޕޯޓް އޮތޯރިޓީގައި މިހާރު ބޭނުން ކުރާ ސިސްޓަމާ ފަސޭހައިން ކުޅެލައި މައުލޫމާތު އޮޅުވާލެވޭ ކަަމަށް އޭނާގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.