ހިޔާ މަޝްރޫއުގެ ދަށުން ދޫކުރަން އިއުލާންކޮށްފައިވާ ތިން ކެޓަގަރީއެއް އުވާލަން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން ތިރީގައިވާ ކެޓަގަރީތައް އުވާލައި، އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާޠިލްކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އުވާލަން ނިންމާފައިވާ ކެޓަގަރީތަކަކީ:
- H11- އަށާރަ އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ (1 ކޮޓަރި)
- H13- މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ (1 ކޮޓަރި)
- H15- އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ (1 ކޮަޓަރި)
އެ މަޝްރޫގެ ކެޓަގަރީތަކުގެ ތެރެއިން 1 ކޮޓަރީގެ ކެޓަގަރީތަކަށް ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން 1 ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުގައިކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ފޭސް 2 ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައިވާކަމަށާއި އެ މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓްކަމުގައި އެ މިނިސްޓްރީން ބުނެއެވެ.
ހިޔާ މަޝްރޫގެ 7000 ފްލެޓް ދިނުމަށްޓަކައި މި މަހުގެ 9 ވަނަ ދުވަހު ވަނީ ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓް އާންމު ކޮށްފައެވެ.
8 ކެޓަގަރީ އަކުން ދާއިމީ ލިސްޓު އާންމު ކޮށްފައި ވާއިރު، އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ އާއި ޓީޗަރުންގެ ކެޓަގަރީ އާއި މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ އާއި މާލޭގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައި ވާ މީހުންނަށް ހާއްސަ ކެޓަގަރީ އާއި އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ އަދި ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީގެ އިތުރުން ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީއެވެ.