ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް ނިންމާ، މައްސަލަ ބަލާނެ ކޮމިޓީއެއް ޖޭއެސްސީން އެކުލަވާލައިފިއެވެ.

ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައި ވަނީ، ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކުރި އަމުރު ބާތިލު ކުރުމާ ގުޅިގެންނެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރުމަށް ނެރުނު އަމުރުގައި ހިފެހެއްޓުމަށް ކުރި އަމުރު، ގާޒީ ހަސަން ސައީދު ބާތިލު ކޮށްފައި ވަނީ ފާޅުކަންބޮޑު ގޮތެއްގައި ގާނޫނުއަސާސީ އާއި ގާނޫނުތަލާއި ކަނޑައެޅިގައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ. އަދި އެ އަމުރުު ނެރުމުގައި އަލީ ވަހީދުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން މީހުންނާ މެދު އަމަލު ކުރާ ގޮތާ ތަފާތު ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

ހަމައެއާއެކު ޖޭއެސްސީން ބުނީ، ގާޒީ ހަސަން ސައީދު ވަނީ އެ އަމުރު ނެރުމުގައި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، އަލީ ވަހީދަށް ނާޖާއިޒް މަންފާ ހޯދައިދީފައި ވާކަމަށް ބެލޭވޭ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް ދަށު ކޯޓުގައި މިމަހުގެ 9 ވަނަ ދުވަހު ބާއްވާ، އަލީ ވަހީދުގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން އޮތް އަމުރު ބާތިލު ކުރުމުން އޭނާ ރާއްޖެ ދޫކޮށް ފުރާ ވަޑައިގެންފައި ވަނީ ހަމަ އެ ދުވަހުގެ ހަވީރު ޓާކިޝް އެއާލައިނުގެ ފްލައިޓެއްގައި ލަންޑަނަށެވެ.

ކޮވިޑްގެ މިހާލަތުގައި ފުރައިގެން ދާއިރު ހަދަން ޖެހޭ ޕީސީއާރު ޓެސްޓް ފަދަ ޓެސްޓްތައް ދުރާލާ ހަދާފައި އޮތުން ފަދަ ކަންކަމަކީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމުގައި ގިނަ ސުވާލުތަކެއް އުފެދޭ ކަންކަން ކަމުގައި އާންމުން ދަނީ ބުނަމުންނެވެ. އަދި އެފަދަ ގިނަ ސުވާލުތަކާ ހުރެ ޕީޖީން ވެސް ވަނީ އެ މައްސަލަ ބަލާ، ޕާސްޕޯޓު ދޫކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައެވެ.