އެމްޕީއެލް ވިޔަފާރު ބަނދަރު ސަރަހައްދުގައި މަސައްކަތް ކުރަނިކޮށް ގައިމައްޗަށް ކާޕެޓް ރޯލެއް ވެއްޓި އަނިޔާވި މަޖޫރީ މަރުވެއްޖެއެވެ.
އެ ހާދިސާގައި އަނިޔާވީ، ހދ. ނޮޅިވަރަން / ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީ އަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އިންޑިއާއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހެވެ. އޭނާ މަރުވެފައި ވަނީ އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާން މަރުވީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ 1:30 ހާއިރެވެ. މިއީ މިއަހަރު ތެރޭގައި އެމްޕީއެލް ސަރަހައްދުގައި ހިނގި މިފަދަ ހާދިސާއެއްގައި މަރުވި ދެވަނަ މީހާއެވެ.
މިމަހު 4 ވަނަ ދުވަހު ކާޕެޓްރޯލެއް ވެއްޓި ހިނގި މި ހާދިސާއާ ގުޅިގެން އިމްރާން މަސައްކަތް ކުރާ "މިނާ އިންވެސްޓްމަންޓް" ގްރޫޕް ވަނީ އެމްޕީއެލުން ވަކި ގޮތެއް ކަނޑައަޅަން ދެން ސަސްޕެންޑް ކޮށްފައެވެ.
މިއަހަރު ތެރޭ ހިނގި މިފަދަ ދެވަނަ ހާދިސާ ހިނގީ މިދިޔަ މަހުގެ 7 ވަނަ ދުވަހެވެ. އެ ހާދިސާގައި މަރުވީ ކޮންޓެއިނަރަކުން ބިއްލޫރި ތަކެއް ބަރު ކުރަނިކޮށް، ޕެލެޓެއް ދަށުވެ ޒަހަމްވި މީހެކެވެ އެއީ ނ. ލަންދޫ/ފޭރުގަސްދޮށުގޭ، އުމުރުން 27 އަހަރުގެ އަބްދުﷲ އާސިމްއެވެ.
ބިއްލޫރި ޕެލެޓް ދަށުވެ ތާށިވި އާސިމަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަން އެނގެއެވެ. ކޮންޓެއިނަރުގެ ބިތާއި ބިއްލޫރިތަކާ ދެމެދު އޭނާ ތާށީވެފައި އޮތް އިރު، ބިއްލޫރި ޕެލެޓް އޮތީ އޭނާގެ މޭ މަތީއެވެ. އަދި އޭނާގެ އެއް އަތް ބިއްލޫރިތައް މަތީ އޮތް އިރު، އެ އަތަށް ވެސް ވަރަށް ބޮޑު ޒަހަމްތަކެއް ލިބިފައިވާ ކަމަށް ބެލެވެއެވެ.
އެރޭ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުން ކޮށްގެން މަސައްކަތް ކުރަމުން ދިޔައީ ޖުމްލަ ތިން މީހެކެވެ. އޭގެ ތެރެއިން އެކަކަށް އެއްވެސް އަނިޔާއެއް ނުވެ ސަލާމަތް ވި އިރު ދެން ތިބި ދެމީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. ޕެލެޓް ދަށުގައި ތާށިވީ، ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު އެ ޕެލެޓް ނެރުމަށް ހަރަކާތްތެރި ވަމުން ދިޔަ އާސިމްއެވެ.